މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށްގެންދިޔަ އެ ކޭމްޕުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވުމާއި މީގެ އިތުރުން ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުން ކަމަށެވެ.

2 ފެބްރުއަރީ 2026: "ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" --- ފޮޓޯ. އެމްއޭސީއެލް

ލޭ ހަދިޔާކުރުމުގައި އެމްއޭސީއެލްގެ މުވައްޒަފުންނާއި، އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުން ވެސް ބައިވެރިވި ކަމަށާއި އެ ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިަޔަ ހަރަކާތެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް އެމްއޭސީއެލް އިން ކުރިއަށް ގެންދެއެވެ.