ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތު ސާބިތުވެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން އިސްމާއިލް ސާޖިދު ވަކިކުރީ ގާނޫނީ ހަމައަކުން ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް މިދިޔަ އޮގަސްޓު މަހު އައްޔަނުކުރި ސާޖިދު ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ސަސްޕެންޑުކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.
އެނގިފައިވާ ގޮތުގައި ސާޖިދު ފުރައްސާރަ ކުރިކަން ސާބިތުވާ ކަމަށް ނިންމީ، ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން އެމްއެމްއޭ އިން އުފައްދާފައިވާ ކޮމިޓީންނެވެ. އެ ކޮމިޓީގެ ނިންމުމާއެކު، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުން އޭނާ ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެކަމާ ގުޅިގެން ސާޖިދު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ ތުހުމަތު ސާބިތުވާ ކަމަށް މައްސަލަ ބެލި ކޮމިޓީން ނިންމާފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން ކަނޑައެޅިގެން ދޮގުތަކެއް ހަދާފައިވާކަން ސާބިތުވާނެ ހެކި އޭނާގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް ކަމަށާއި ދޮގުތައް ސާބިތުކުރެވޭ މިންވަރަށް ކޮމިޓީއަށް ކިތާބީ ހެކި ހުށަހަޅާފައިވީ ނަމަވެސް މައްސަލަ ނިންމާފައިވަނީ އެ ހެކިތަކަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކަމަށެވެ.
"މައްސަލަ ހުށަހެޅި މަގުސަދާ މެދު ސަބަބުވެރި އިންސާނަކަށް ސުވާލު އުފެދޭ ހާލަތްތަކެއް މައްސަލައިގައި ހުށަހަޅާފައިވެއެވެ. މިގޮތުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފު ކޮށްގެން ނުވާނެ ބައެއް ކަންކަން އެ މުވައްޒަފު ކުރުމުން އެ މުވައްޒަފާ މެދު އަމަލު ކުރަންޖެހޭ ގޮތަށް އަމަލުކުރުމަކީ މިއަދު މި އަނިޔާ ލިބުމުގެ އެއް އަސާސް ކަމަށް އަޅުގަނޑަށް ބެލެވެއެވެ،" އޭނާގެ ޕޯސްޓުގައިވެއެވެ.
ސާޖިދު ވިދާޅުވީ، ހުށަހަޅާފައިވާ މައްސަލައިގައި ބުނާ ކަންކަން ހިނގި ދުވަސްތަކާއި މައްސަލަ ހުށަހެޅި ދުވަހާ ދެމެދު 39 ދުވަސް ހިނގާފައިވާ ކަމަށާއި އެ މުއްދަތުތަކުގެ ތެރޭގައި ހިނގާފައިވާ ކަންކަން އިދާރާގެ ލިޔެކިޔުންތަކުންނާއި އެހެނިހެން ހެކިތަކުން އެނގޭ ކަމަށެވެ.
އަދި އެ މައްސަލައިގެ އެއްވެސް ތަފްސީލެއް ނުލިބެނީސް އެކަމުގެ މައުލޫމާތުތަކެއް އެމްއެމްއޭގެ މުވައްޒަފެއް ދިން ކަމަށް މީޑިއާ ރިޕޯޓުތަކަށް ބެލުމުން އެނގޭ ނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް މީޑިއާއަކަށް އޭނާ ދީފައެއް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމުން ދޭހަވަނީ ޝަކުވާ ކޮމިޓީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފުންގެ މައުލޫމާތު ރައްކާތެރިކުރުމަށް ފިޔަވަޅު އެޅޭނެ ހަރުދަނާ އުސޫލުތަކެއް ނެތްކަން، ނުވަތަ އަޅުގަނޑުގެ އަބުރު ކަތިލައި މައްސަލައަށް ނުފޫޒުތަކެއް ފޯރުވަން އުޅުނުކަމެވެ..،" ސާޖިދުގެ ޕޯސްޓުގައިވެއެވެ.
ސާޖިދުގެ ޕޯސްޓުގައި ވިދާޅުވީ، އޭނާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް ހުރުމުން އުނދަގޫވާ ފަރާތެއް ހުރިނަމަ، ނުވަތަ ދަތިތަކެއް ކުރިމަތިވާނަމަ، ވަޒީފާއިން ވަކިވާން އޭނާ ކައިރީގައި ސީދާ ބުނި ނަމަ، ރީތިކޮށް އެކަން ކުރެވުނީސް ކަމަށާއި މީހެއްގެ އަބުރު ކަތިލުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
"މި މައްސަލައިގައި އަޅުގަނޑާ މެދު އަޅާފައިވާ ފިޔަވަޅަކީ ގާނޫނީ ހަމައިގެ މަތިން އަޅާފައިވާ ފިޔަވަޅެއް ނޫންކަން މި މައްސަލައިގެ ތަފްސީލު ބެލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ..،" ސާޖިދުގެ ޕޯސްޓުގައިވެެއެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ ގަވަނަރުނަރަށެވެ.
އަލީ ޔާމިން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
ތިޔަ ފުރައްސާރައެއްކޮށްގެން އުޅެނީ ޖިންނިއަކަށްތަ. ތިޔަބުނާ މީހެއް މައުލޫމާތެއް ފޮޓޯއެއް، ފުރައްސާރަކުރަންކުރިކަމެއްވެސް ލިޔެފަ އޮތް ނޫހެއް ނުފެނޭ. ހަމައެކަނި މިބޭފުޅާގެ އަބުރު ގެއްލުވާލާފަ އޮންނަތަން ފެންނަނީ.
އެލަންގެލަން - 5 މަސް ކުރިން