އީރާނާއެކު ޑީލެެއް ހަދަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެބަ ވިދާޅުވެއެވެ. އެޒާތުގެ ޑީލެއް ހަދަން އީރާނުން އިންކާރު ކުރާނަމަ މީގެކުރިން ތަޖުރިބާނުކުރާ ކަހަލަ ވޭންދެނިވި ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށްވެސް އެބަ ވިދާޅުވެއެވެ. ޓްރަމްޕު އިޝާރާތް ކުރައްވާ ޑީލަކީ ކޮބައިބާވައެވެ. އެމެރިކާއަކުންވެސް އަދި އީރާނަކުންވެސް އެއީ ކޮން ޑީލެއް ކަމެއް ނުބުނެއެވެ. އެކަމަކު ނުރަސްމީ ބައެއް ރިޕޯޓުތަކަށް ވިސްނުން ހިންގައިލީމާ އެމެރިކާ ބޭނުންވެގެން އުޅޭ ކަންތައް ހިސާބަކަށް ތިލަވެއެވެ. އީރާނުގައި 70 އިންސައްތައަށް ނުވަތަ އެއަށްވުރެ މަތީ ދަރަޖައަށް ފައްކާކުރެވިފައިވާ 400 ކިލޯ ޔުރޭނިއަމް އެބަހުއްޓެވެ. ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލަދިނީ މިތަކެތި ނައްތައިލުމުގެ ބޭނުމުގައެވެ. އެކަމެއް ނުވިއެވެ. ބުނެވޭ ގޮތުގައި ތުރުކީވިލާތް މެދުވެރިކޮށް ރައީސް ޓްރަމްޕު ވަނީ އީރާނަށް އެންގުމެއް އަންގަވައިފައެވެ.

އެ އެންގެވުމަކީ މިއެވެ. ކަލޭމެން ފައްކާކޮށްފައިވާ ޔުރޭނިއަމް އަހަރެމެންނާ ހަވާލުކުރާށެވެ. އެހެންނޫނީ އޮތީ ހަނގުރާމައެވެ. އީރާނުން ބުންޏެވެ. މޮޔަނުވާށެވެ. ތިޔަކަމެއް ނުކުރެވޭނެއެވެ. އެވިދާޅުވާ ޑީލަކީ މިދެންނެވި ޑީލްކަމަށް ވެދާނެއެވެ. ފައްކާކުރެވިފައިވާ ޔުރޭނިއަމް ހަވާލުކުރުމުގެ ޑީލް ކަމަށް ވެދާނެއެވެ. ކޮންމެއަކަސް މިއުޅެވެނީ ފައްކާކުރެވިފައިވާ ހަތަރު ސަތޭކަ ކިލޯގެ ޔުރޭނިއަމަކުން ނުނެއްޓިގެންނެވެ. އީރާނުގައި ހުރިކަމަށް އަންޒާޒާކުރެވިފައިވާ މިދެންނެވި ހަތަރު ސަތޭކަ ކިލޯ ޔުރޭނިއަމް ފައްކާ ކުރެވިފައިވާ ކަމަށް ބުނެވެނީ 70 އިންސައްތައަށެވެ. މިޒަމާނުގައި ނިއުކުލިއަރ ބޮން ހެދުމަށް އާއްމުގޮތެެއްގައި ބޭނުންކުރަނީ ނުވަތަ ބޭނުންވަނީ 90 އިންސައްތައަށް ފައްކާ ކުރެވިފައިވާ ޔުރޭނިއަމެވެ. އޭގެ މާނަޔަކީ އީރާނުގައި ހުރި ފައްކާކުރެވިފައިވާ ޔުރޭނިއަމުން ނިއުކުލިއަރ ބޮންތަކެެއް ހެދޭވަރު ނުވުމެއް ނޫނެވެ. އީރާނުން ބޭނުންވެއްޖެނަމަ މިހާރުވެސް ހެދިދާނެއެވެ. ހުރަހެއް ނެތެވެ.

އެމެރިކާއަކީ ގައުމަކާ ދެކޮޅަށް މިހާތަނަށް ނިއުކުލިއަރ ބޮން ބޭނުންކޮށްފައިވާ ހަމައެކަނި ގައުމެވެ. އެމެރިކާ ވަނީ 1945 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޖަޕާނުގެ ހިރޮޝީމާއަށާއި ނަގަސާކީއަށް ނިއުކުލިއަރ ބޮން އަޅައިފައެވެ. ހިރޮޝީމާގެ ބޮން އުފައްދާފައިވަނީ 90 އިންސައްތަޔަށް ފައްކާކުރެވިފައިވާ ޔުރޭނިއަމަކުން ނޫނެވެ. ގާތްގަޑަކަށް 70 އިންސައްތަޔަށް ފައްކާ ކުރެވިފައިވާ ޔުރޭނިއަމުންނެވެ. ހިރޮޝީމާއަށް ވައްޓައިލި ބޮމުގެ ބާރުމިނަކީ 15 ކިލޯޓަނެވެ. އެ ބޮން ހެދުމަށް ބޭނުންކުރީ 64 ކިލޯގެ ޔުރޭނިއަމެވެ. ނަގަސާކީއަށް ވައްޓައިލި ބޮމުގެ ބާރުމިނަކީ 20 ކިލޯޓަނެވެ. އެއީ އެންމެ މަތީ ދަރަޖައަށް ފައްކާ ކުރެވިފައިވާ ޔުރޭނިއަމް ބޭނުންކޮށްގެން ހެދި ބޮމެކެވެ. އެމެރިކާ ސިފައިން ހިރޮޝީމާއަށް ވައްޓައިލި ބޮމަށް ބެލީމާ ޔަގީންވަނީ އީރާނުން ބޭނުންވެއްޖެނަމަ ހަމައެވަރުގެ، އެޒާތުގެ ހައެއްކަ ބޮން މިވަގުތުން ވަގުތަށްވެސް ހެދިދާނެކަމެވެ. އެއީ ޝައްކެއްވެސް ނެތް ކަމެކެވެ.

އީރާނުގައި އަދި އެއްވެސް ކަހަލަ ނިއުކުލިއަރ ބޮމެެއް ނެތްކަމަށް ބަލަމާބަހީއެވެ. އެހެން ބަލަންޖެހޭ ސަބަބަކީ އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ 2003 ވަނަ އަހަރު ނެރުއްވާފައިވާ ފަތުވާއެކެވެ. މި ފަތުވާގައި އޭނާ ވަނީ ނިއުކުލިއަރ ހަތިޔާރާއި އެޒާތުގެ ފަނާކުރަނިވި ހަތިޔާރު އުފެެއްދުން މަނާ ކުރައްވައިފައެވެ. އޭނާ އަދިވެސް އެހުންނެވީ ދުނިޔޭގައެވެ. އީރާނުގެ އެންމެ ބާރުގަދަ އެންމެމަތީ މަގާމުގައެވެ. އެމެރިކާއާއި އިޒްރޭލުގެ ނުރައްކަލާހެދި އީރާނުގެ ދެމިއޮތުން ސުވާލުމާކެއްގެ ތެރެއަށް ވެއްޓިއްޖެނަމަ މިދެންނެވި ފަތުވާ އޭނާ ބާތިލް ކުރައްވައިފާނެެއެވެ. ބޮންހަދައި އޭގެ ބޭނުން ކުރަންވެސް އަމުރުކުރައްވައިފާނެއެވެ. އެފަދަ އަމުރެެއް އަތުވެެއްޖެނަމަ ސައުވީސް ގަޑިއިރުގެ ތެރޭގައި ނިއުކުލިއަރ ބޮން އުފެއްދޭހައި ކެރިކުޅަދާނަކަން އީރާނަށް ލިބިގެންވާކަން އީރާނުގެ އެކިފަންތީގެ އެކިއެކި ލީޑަރުން ފާއިތުވި ދުވަސްތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން އެނގެެއެވެ. ކަށަވަރުވެއެވެ.

ހުސްވި އަހަރުގެ ޖޫންމަހު އިޒްރޭލާއި އީރާނާ ދެމެދު ކުރެވުނު ބާރަދުވަހުގެ ހަނގުރާމައިގައި އީރާނުން ވަނީ އެއްކަމެއް ސާބިތުކޮށްދީފައެވެ. އެކަމަކީ އިޒްރޭލުން ކިތަންމެ ވަރުގަދަ ވައިގެ ދިފާއީ އައްޑަނަތަކެއް ހަދައިގެން އޭގެ ނިވަލުގައި އޮތަސް އީރާނު ބޭނުންވާ ވަގުތެއްގައި ބޭނުންވާ ތަނަކަށް ހަމަލަދެވިދާނޭ ކަމެވެ. އީރާނުން ފޮނުވާ މިސައިލްތަކުގައި ނިއުކުލިއަރ ބޯ ހަރުކޮށްފިނަމަ އިޒްރޭލޭ ކިޔުނު ގައުމުގެ ބޮޑުބައެއްގައި އިންސާނުންނަށް ދެން ދިރިއެއް ނޫޅެވޭނެއެވެ. އިޒްރޭލުގައިވެސް މަދުވެގެން 90 ވަރަކަށް ނިއުކުލިއަރ ބޮން އެބައޮތްކަމަށް ބެލެވެއެވެ. އެތަކެތިން އީރާނުގެ ބޮޑެތި ސަހަރުތައް ނިއުކުލިއަރ އަޅިޔަށްވެސް ހަދައިލެވިދާނެއެވެ. އިޒްރޭލުން އިސްވެ އީރާނަށް ނިއުކުލިއަރ ހަމަލާތަކެއްދީ އީރާނުގެ ލީޑަރޝިޕް ނައްތައިލުމަކީ އިޒްރޭލަށް ރައްކާތެރިކަން ކަށަވަރުވާނެ ކަމެއް ނޫނެވެ. އީރާނުގެ މިސައިލް ސިސްޓަމްތައް ފަރުމާ ކުރެވިފައި އެވަނީ ރަޝިޔާގެ ޑެޑް ހޭންޑް ސިސްޓަމް ނަކަލުކޮށްގެންނެވެ.

އީރާނުގެ ލީޑަރޝިޕް ވުޖޫދުގައިނުވާކަން މިދެންނެވި ސިސްޓަމަށް މޭރުންވާ ވަގުތު އެ ސިސްޓަމް އަމިއްލައަށް އެކްޓިވޭޓްވާނެއެވެ. ކޮންމެއަކަސް މިދެންނެވި ހިސާބަށް ކަންކަން ދާނީ އެމެރިކާއިން މިފަހަރު އީރާނަށް ހަމަލަދީފިނައެވެ. މި ހަމަލާގައި އިޒްރޭލުގެ ބައިވެރިވުމެެއް އޮތަސް ނެތަސް އިޒްރޭލަށް ހަމަލަދޭނޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ. ލިބިގެންވާ ހުރިހާ ވަސީލަތެެއް ބޭނުންކުރާނޭ ކަމަށްވެސް ވަނީ ބުނެފައެވެ. މެދުއިރުމަތީގައިވާ އެމެރިކާ ސިފައިންގެ އެންމެ މަރުކަޒެއްވެސް އިސްތިސްނާ ނުކޮށް ހުރިހާ ތަނަކަށް ހަމަލަދޭނެ ކަމަށާއި އެކަންކުރާނީ ރަމްޒީކޮށް ނޫންކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. އެހެންވީމާ މަސްރަހު އެއޮތީ ގިނަ މީހުން ހީކުރާ މިންވަރަށްވުރެވެސް ބޮޑަށް ނުރައްކާކޮށެވެ. އީރާނު އެއޮތީ ހަނގުރާމައެއް ފަށާގޮތަކަށް ނޫނެވެ. އެމެރިކާއިން ހަނގުރާމައެއް ފަށައިފިއްޔާ އެ ހަނގުރާމަ ނިންމުމުގެ ފުރުސަތު އެމެރިކާއަށް ދޭގޮތަކަށްވެސް ނޫނެވެ. މިކަން އެމެރިކާއަށް ވިސްނެއެވެ. އެހެންވީމާ ގަބޫލުކުރެވެނީ ރައީސް ޓްރަމްޕު ކިތަންމެ ވަރަކަށް ފޮނުއެރުވިޔަސް، ކިތަންމެ ބޮޑު އަރުމާދެއް ޖަމާކުރިއަސް އިސްވެ ހަމަލަދިނުން ކައިރިނޫން ކަމުގައެވެ.