އުރީދޫ ނޭޝަންގެ މިއަހަރުގެ ފުރަތަމަ މުބާރާތް، އޯޕަން ސީރީޒް ސީޒަން 1 ގެ ކްލޭޝް ރޯޔާލް އަދި އީއޭއެފްސީ އަލްޓިމޭޓް ޓީމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ އޯޕަން ސީރީޒް ސީޒަން 1 ގެ ކްލޭޝް ރޯޔާލް އަދި އީއޭއެފްސީ އަލްޓިމޭޓް ޓީމް މުބާރާތްތަކަކީ ދިވެހި ގޭމް ކުޅޭ ފަރާތްތަކަށް ވަރަށް ފޯރިގަދަ ފެށުމަކަށް ވެގެންދާނެ ކަމަށެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ފަށާ ކްލޭޝް ރޯޔަލްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ 11:59 އެވެ. އޮންލައިންކޮށް ކުރިއަށްގެންދާ އެ މުބާރާތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 50 ރުފިޔާ ނަގާ އިރު، އިނާމެއްގެ ގޮތުގައި ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ފަށާ އީއޭއެފްސީ އަލްޓިމޭޓް ޓީމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ 11:59 އެވެ. އޮންލައިންކޮށް ކުރިއަށްގެންދާ އެ މުބާރާތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 50 ރުފިޔާ ނަގާ އިރު، އިނާމެއްގެ ގޮތުގައި ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.

އޯޕަން ސީރީޒް މުބާރާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމް ކުޅޭ ފަރާތްތަކަށް އެ މީހުންގެ ހުނަރު ދައްކާލުމާއި ގޭމިން ކޮމިއުނިޓީއާ ގުޅުވައި، ވާދަވެރި ޕްލެޓްފޯމްތައް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތްތަކެކެވެ. އުރީދޫ ނޭޝަންގެ އެ މުބާރާތްތައް އޮންލައިންކޮށް ބޭއްވުމުގެ މަގުސަދަކީ ހުރިހާ އަތޮޅެއްގެ ކުޅުންތެރިންނަށް ހަމަހަމަ އުސޫލުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އީ-ސްޕޯޓްސް މެދުވެރިކޮށް ޑިޖިޓަލް ހުނަރުވެރިން ކުރިއަރުވައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫ ނޭޝަން އިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އުރީދޫން ބުނީ މި އޯޕަން ސީރީޒަކީ އުރީދޫގެ ޑިޖިޓަލް ކޮމިއުނިޓީއެއް ބިނާކޮށް، ޓެކްނޮލޮޖީ، ކަނެކްޓިވިޓީ އަދި އީޖާދީ އުފެއްދުންތަކުގެ ތެރެއިން އަންނަން އޮތް ޖީލު ބާރުވެރިކުރުވުމަށް އެ ކުންފުނިން ގެންގުޅޭ ތަސައްވުރު ކަމަށެވެ.

އުރީދޫ ނޭޝަންގެ 2026 ވަނަ އަހަރުގެ އީ-ސްޕޯޓްސް މޫވްމަންޓްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް ދައުވަތު އުރީދޫން ދައުވަތު އަރުވައެވެ.

އުރީދޫ ނޭޝަންގެ އޯޕަން ސީރީޒްގައި ރެޖިސްޓާވުމަށް: https://ore.do/arena