މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކުރާ އާބަން ޕްރައިމަރީ ހެލްތު ކެއާ ނުވަތަ (ޖީޕީ) ކްލިނިކްތަކުގެ ސަބަބުން ލުއި ފަސޭހަ ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ކުރިއަށްގެންދާ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓު ޕްރޮގްރާމްގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރު ނާޒިމް މިއަދު ވިދާޅުވީ، ސިއްހީ ނިޒާމުގައި އޮތް ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަަކީ ސްޕެޝަލިސްޓުންނަށް ދައްކަން އޮންނަ ކިއު ދިގުވުން ކަމަށެވެ.

"އަންޒަމާނުއްސުރެ އަޅުގަނޑުމެންނަށް ފަރިތަވެފަ އޮތް، ނޫނީ އަޅުގަނޑުމެންގެ މި ނިޒާމުގެ ތެރޭގައި އޮތް އުސޫލަކީ ހަމަ އިނގިއްޔެއްގައި ރިއްސާލިޔަސް، ފައެއްގައި ރިއްސާލިޔަސް އަމިއްލައަށް ޕޭޝަންޓް ނިންމަނީ ތިމަންނާ ކަށީގެ މީހަކަށޭ ދައްކަންޖެހެނީ، އެެހެންވީމަ ދެން އައީޖީއެމްއެޗް ނުވަތަ ދަރުމަވަންތައިގައި ހުންނަ އެންމެ ޑިމާންޑް ބޮޑު ކަށީގެ ސްޕެޝަލިސްޓަށް މި އެޕޮއިންޓްމެންޓް ހަދަނީ. ހަދާއިރުގައި 300، 400 މީހުން ކިއުގައި މި އޮންނަނީ،"

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އޭގެ ބަދަލުގައި ސްޕެޝަލިސްޓަކަށް ދައްކަންޖެހޭ ކަމުގެ ކަށަވަރުކަން ބަލިމީހާއަށް ލިބެންޖެހޭ ކަމަށެވެ.

"އެހެންވީމަ ދުނިޔޭގެ ވަަރަށް ގިނަ ހެލްތު ނިޒާމުތަކުގައި އޮންނަ ގޮތަކީ، ފުރަތަމަ ޖެނެރަލް ޕްރެކްޓިޝަނާއަކަށް ދައްކައިފަ ރިފާކުރީމަ ސްޕެޝަލިސްޓަކަށް ދާ ނިޒާމު،"

މިނިސްޓަރު ވިދާޅުވީ، ޖީޕީ ކުލިނިކުތައް ގާއިމުކުރަނީ އެ ބޭނުމުގައި ކަމަށެވެ.

އެ މަގަށް ރާއްޖޭގެ ސިއްހީ ނިޒާމު ރިޕޯމް ކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ޖެެނަރަލް ޕްރެކްޓިޝަނާއަކަށް ދެއްކޭނެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށާއި، އެކަމަށްޓަކައި، އެންމެ ފުރަތަމަ ގާއިމުކުރަންޖެހެނީ ޖީޕީ ކުލިނިކުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެގޮތުން މި ސަރުކާރުގެ ސިއްހީ ސިޔާސަތު ރިފޯމް ކުރުމުގެ އެޖެންޑާގައި ރައީސް ގެންނެވި އެންމެ މުހިއްމު އެއް ވިސްނުންފުޅަކީ ޖީޕީ ކުލިނިކުތަކެއް، ހަ ޖީޕީ ކުލިނިކު ގާއިމުކުރުން،"

މިނިސްޓަރު ވިދާޅުވީ، އެ ކުލިިނިކުތަކުން އާއްމު ފަރުވާ ލިބެން ހުންނާނެ ކަމަށާއި، ސްޕެޝަލިސްޓަކަށް ދައްކަންޖެހޭނަމަ ބަލިމީހާއަށް އެކަަމަށް ރިފާ ކުރާނީ އެ ކުލިނިކުތަކުން ކަމަށެވެ.

"މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބި ދައުލަތުގެ ހަޒާނާއިން މިއަދު ސިއްހީ ހިދުމަތަށް ކުރެވޭ ހޭދަ މިވަރުގައި ހިފެހެއްޓި، މިއަށްވުރެ ރަނގަޅު، ނަތީޖާ ނެރެވޭނެ މަގު ތަނަވަސްވެގެންދާނެ، އޭގެ ސަބަބުން ހެލްތާ ގުޅޭ އެހެނިހެން ކަންކަން، ކުޅިވަރާ މިކަންކަމަކީ ހެލްތާ ގުޅޭ ކަންކަން، އެކަންކަމަށް އިތުރަށް ހަރަދު ކުރުމަށްޓަކައި މީގެ ތެރެއިން އިތުރަށް ފައިސާ ތަނަވަސްވެގެންދާނެ، އެހެންވީމަ މި ނިޒާމަށް މި ބަދަލު އައުން ވެގެންދާނީ ހެލްތު ފެސިލިޓީތަކަށް ލޯޑް ކުޑަވެ ރައްޔިތުންގެ އަތްމައްޗަށް ލުއި ފަސޭހަކަން ލިބި ރައްޔިތުންގެ ވަގުތުން އެތައް ވަގުތެއް ސަލާމަތްވެ މުޅި މުޖުތަމަަށް ހިތްހަމަޖެހުމާއި އުފާވެރިކަން އައުން،" މިނިސްޓަރު ވިދާޅުވިއެވެ.