މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ އެ ކޭމްޕަކީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އަށް ލޭ ހަދިޔާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ ކޮންމެ އަހަރަކުވެސް އެމްއޭސީއެލްގެ ސްޓާފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެއާޕޯޓުގައި މަސައްކަތް ކުރާ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށް ވެސް ހުޅުވާލައިގެން ކަމަށެވެ.

އެމްއޭސީއެލުން ބުނީ ބްލަޑް ކޭމްޕް ބާއްވަނީ ލޭ ލިބުން ދަތިވެ، އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމަށް ކަމަށެވެ.

ލޭ ދިނުމަށް https://tinyurl.com/46y3p7m7 ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްގެން ހަދިޔާ ކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.