ރާއްޖޭގައި ގާއިމްކުރާ އިގްތިސޯދީ ހާއްސަ ސަރަހައްދު ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ތަރައްގީ ކުރާ ފުރަތަމަ ޓައުންޝިޕް މަޝްރޫއު، 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫއުގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ނ. އަތޮޅުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓައުންޝިޕް ތަރައްގީކުރުމުގެ އަމަލީ މަސައްކަތުގެ ބިންގާއަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އެމަނިކުފާނުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕެޓާރް ކްރިސްޓިކް ބައިވެރިވެރިވަޑައިގަތެވެ.
ނ. އަތޮޅު ދިގުފަރާއު ދެކެންފަރާއި ކުރަމާދޫގައި "އައިލާ ޓައުންޝިޕް"ގެ ނަމުގައި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެއް ހިންގަން ހުއްދަދީ، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 12ގައެވެ.
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ކްރިސްޓަލް ހޯލްޑިންސްއަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ސޮއިކުރި އެ މަޝްރޫއުގެ އަގަކީ 790 މިލިއަން ޑޮލަރެވެ.
އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ ހޮސްޕިޓަލަކާއި ޒަމާނީ ތައުލީމު ލިބިދޭ ފެންވަރުގެ މަރުކަޒުތަކެއް ހަދާނެއެވެ. ޓައުންޝިޕްގައި ހަދާ އެ ތަންތަނުގައި 60 ޕަސަންޓް ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ވެގެންދާނެއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ ހާއްސަ ޝަރުތުތައް:
- ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމެންޓަކަށްވުން
- ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން
- ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމުކުރުން
- ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނު ދޭ މަރުކަޒެއް ޒޯނުގައި ގާއިމުކުރުން
- ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުންޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށް ވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ވުން
- ދިވެހިރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތި މަދުކޮށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން
- ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން.
ޒޯނުގައި ހިމެނޭ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީ ނެގޭ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ނެގޭނެ ހާއްސަ ރޭޓްތަކެއްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ޓައުންޝިޕްތައް ތަރައްގީކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއްގެ ގޮތުގައި ޓެކްސްގެ ބޮޑެތި ލުއިތަކެއް ދިނުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްތައް ދައްކަން ނުޖެހުމާއި، ޒޯން ތަރައްގީކުރަން އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ އިސްތިސްނާ ކުރުން ހިމެނެއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް