ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރު ކަމަށްވާ ލީގު ބުރުގެ ކުޅުން ރޭ ނިމިގެން ގޮސްފައިވާ އިރު، ޖޯސޭ މޮރީނިއޯ ކޯޗުކަން ކޮށްދޭ ބެންފިކާއިން ރެއާލް މެޑްރިޑް ބަލިކޮށް، ތަފާތު ގޮތަކަށް ޕްލޭ އޮފްގެ ޖާގަ ޔަގީން ކޮށްފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރަށް މިދިޔަ ސީޒަނުން ފެށިގެން ބަދަލު ގެނެސްފައިވާ އިރު، މިހާރު އޮތް ގޮތުން ލީގު ބުރުގެ ފޯރި ވަނީ ގަދަވެފައެވެ. ރޭ ފަހު މެޗުތަކަށް ނުކުތް އިރުވެސް ގިނަ ޓީމުތަކަށް ތާވަލުގެ މަގާމު ޔަގީން ނުވެ އޮތް އިރު، އެންމެ ޑްރާމާ ބޮޑުކޮށް ޕްލޭ އޮފް ޖާގަ ހޯދީ ބެންފިކާއިންނެވެ. އެއީ 4-2 އިން ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށްގެންނެވެ.
އެ ބައްޔާއެކު ރެއާލަށްވެސް ވަނީ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި، ގަދަ 16 ގެ އޮޓޮމެޓިކް ޖާގަ ގެއްލިފައެވެ. އެޓީމަށް ލިބުނީ ނުވަ ވަނައެވެ. އެއީ އަށް މެޗުން 15 ޕޮއިންޓާއެކުގައެވެ.
ބެންފިކާ 24 ވަނައިގައި ހިމެނި، ކިރިޔާ ޕްލޭ އޮފަށް ދިޔަ އިރު، މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. އެއީ ކިލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. ހާފު ނިމުމުގެ ކުރިން އަންދްރޭއާސް ޝްޖެލްދެރަޕާއި ވަންޖެލިސް ޕަވްލިޑިސް ޖެހި ގޯލްތަކުން ބެންފިކާ ނަތީޖާ އަނބުރާލިއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅުގައި ޝްޖެލްދެރަޕްފްގެ އިތުރު ގޯލަކުން ލީޑު ފުޅާވެސް ކުރިއެވެ.
އޭގެފަހުން އެމްބާޕޭގެ އިތުރު ގޯލަކާއެކު ފައިދާ ގޯލްގެ ފަރަގުން ބެންފިކާ ކަޓައިގެން ދާނެކަމުގެ ބިރު ހީވިއެވެ. ފަހުކޮޅުގައި ރެއާލްގެ ރައުލް އަސެންސިއޯއާއި ރޮޑްރީގޯއަށް ރަތް ކަޑު ދެއްކި އިރު، އެންމެ ފަހު ސިކުންތުގައި ބެންފިކާ ސަލާމަތްކޮށްދިން ގޯލް ޖެހީ ކީޕަރެވެ. ހިލޭ ޖެހުމަކަށް ކުރިއަށް އަރައި، އެންޓޮލީ ޓްރޫބިން ބޯޅަ ގޯލަށް ވައްދާލީ ބޮލުންނެވެ.
ޗެލްސީންވެސް ރޭ ފަހުވަގުތު ނަޕޯލީ ބަލިކޮށްގެން ގަދަ އަށެއް ޔަގީންކުރި އިރު، އެޓީމުން ނަޕޯލީ ބަލިކުރީ 3-2 އިންނެވެ. މެޗުގައި ޗެލްސީން އެންޒޯ ފެނާންޑޭޒްގެ ޕެނަލްޓީއަކުން ލީޑު ނެގި ނަމަވެސް، އޭގެފަހުން އެންޓޯނިއޯ ވެރްގާރާއާއި ރަސްމުސް ހޮއިލުންގެ ގޯލްތަކުން ނަޕޯލީން ނަތީޖާ އަނބުރާލިއެވެ.
ދެވަނަ ހާފަށް ކޯލް ޕާމާ ކުޅެން ނުކުމެ، ދެ އެސިސްޓް ހެދި އިރު، ޗެލްސީގެ އަނެއް ދެ ގޯލްވެސް ޖެހީ ޖުއާއޯ ޕެޑްރޯއެވެ. އެ ދެ ގޯލާއެކު ޗެލްސީން ވަނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީ ކަޓުވާލައިފައެވެ.
ސިޓީންވެސް ވަނީ ގަދަ އަށެއް ޔަގީން ކޮށްފައެވެ. ގަލަސަރާއީ ކައިރިން 2-0 އިން ސިޓީ މޮޅުވި މެޗުގައި އެޓީމުގެ ގޯލްތައް ޖަހައިދިނީ ރަޔަން ޗެރްކީއާއި އާލިން ހާލަންޑެވެ. ލިވަޕޫލުންވެސް ގަދަ އަށަކަށް ވަދެފައިވާ އިރު، އެޓީމުން ރޭ ގަރަބާގް ބަލިކުރީ 6-0 އިންނެވެ. އެލެކްސިސް މެކް އަލިސްޓާ މެޗުގައި ދެ ގޯލް ޖެހި އިރު، ދެން ގޯލްތައް ޖެހީ ފްލީރިއަން ވާޓްސް އާއި މުހައްމަދު ސަލާހް، ހޫގޯ އެކެޓީކޭ އަދި ފެޑެރީކޯ ޗިއޭސާއެވެ.
ޓޮޓެންހަމްއިން 2-0 އިން ފްރޭންކްފާޓް ބަލިކޮށް، ގަދަ އަށެއް ޔަގީންކުރި އިރު، ޕީއެސްޖީއާ 1-1 އިން އެއްވަރުވި ނިއުކާސަލްއަށް ޖެހުނީ ޕްލޭ އޮފް ކުޅޭށެވެ. ޕީއެސްޖީއަށްވެސް ޖެހުނީ ޕްލޭ އޮފް ކުޅޭށެވެ. އެއްވަނައިގައި ނިންމާލި އާސެނަލުން ފުރިހަމަ ރެކޯޑެއް ދެމެހެއްޓި އިރު، އެޓީމުން ރޭ ކައިރަތު އަލްމަޓީ ބަލިކުރީ 3-2 އިންނެވެ.
ބާސާއިންވެސް ގަދަ އަށެއްގައި ހިމެނުނު އިރު، އެޓީމުން ރޭ ކޯޕަންހޭގަން ބަލިކުރީ 4-1 އިންނެވެ. ދެން ގަދަ އަށަކުން ޖާގަ ހޯދީ ސްޕޯޓިން ލިސްބަންއެވެ. އެޓީމުން ރޭ އެތުލެޓިކް ކްލަބު ބަލިކުރީ 3-2 އިންނެވެ. ގަދަ 16 ގެ ޕްލޭ އޮފް ޔަގީންކުރި އިތުރު ޓީމުތަކީ އިންޓަ މިލާން، ޑޯޓްމުންޑް، ޔުވެންޓަސް، އެތުލެޓިކޯ މެޑްރިޑް، އެޓަލާންޓާ، ބަޔާން ލެވަކޫސަން، އޮލިމްޕިއާކޮސް، ކްލަބު ބްރޫޖް، މޮނާކޯ އަދި ގަރަބާގުގެ އިތުުރުން ބޯޑޯ ގްލިމްޓެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު