އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގުޅިގެން އައްޑޫ ސިޓީގައި ހިތުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިންޓަވެންޝަނަލް ކާޑިއޮލޮޖީ ނުވަތަ ކެތު ލެބްގެ ހިދުމަތް އިއްޔެ ފަށައިފިއެވެ.

އައިޖީއެމްއެޗް އާއި އޭއީއެޗްގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކާއި އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ހާއްސަ ސްޕެޝަލިސްޓް ޓީމެއް ކޮންމެ ދެ ހަފުތާއަކު އެއްފަހަރު އައްޑޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީމުގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓުންނާއި ކެތުލެބް ޓެކްނީޝަނުންގެ އިތުރުން ތަޖުރިބާކާރު ނަރުހުން ހިމެނެއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހިދުމަތް ތައާރަފުކުރި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި، މިއަދުގެ ނިޔަލަށް ޖުމުލަ ހަ ބަލިމީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ދެވިފައިވާ ކަމަށެވެ.

"މިއީ އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ ސަރަޙައްދުގެ ރައްޔިތުން ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށްދީ، އަމިއްލަ ރަށުގައި އާއިލާގެ ގާތުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ހޯދުމަށް ފަހިވެގެންދިޔަ މުހިންމު ފުރުސަތެކެވެ..،" އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ މައިގަނޑު މަގުސަދަކީ އެ ހިދުމަތް އެންމެ ފުރިހަމަ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި އޭއީއެޗްގައި އެ ހިދުމަތް ކާމިޔާބުކަމާއެކު ތަޢާރަފުކުރެވިގެން ދިއުމަކީ، އައިޖީއެމްއެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރާއި އޭއީއެޗް ގުޅިގެން ކުރެވުނު ބުރަ މަސައްކަތްތަކުގެ ފޮނި ނަތީޖާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޭގެ އިތުރުން އަތޮޅުތަކުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ހިދުމަތްތައް ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދުރުވިސްނޭ ހަރުދަނާ ސިޔާސަތުތަކަށާއި ރައްޔިތުންނަށް ފުރިހަމަ ސިއްހީ ނިޒާމެއް ބިނާކޮށްދެއްވުމަށް އެ މަނިކުފާނު ކުރައްވަމުންދާ މިންނެތް މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް އެ މަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.