ރަށުން ބޭރުގައި އުޅޭ މީހުންގެ ދަފުތަރެއް، ށ. ފޭދޫ ކައުންސިލުން އެކުލަވާލަން ނިންމައިފިއެވެ.

ފޭދޫ ކައުންސިލުން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ ދަފުތަރު ހަދާއިރު ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއްކަން އަދި ދިރިއުޅެމުންދާ މުއްދަތު ކަނޑައަޅާނީ ކައުންސިލަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހު ކަމަށެވެ.

ރަށުގައި ދިރިނޫޅޭކަން އަންގައިދިނުމަށް ހުށަހެޅިދާނެ ލިޔެކިއުންތަކުގެ ތެރޭގައި ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާ ދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ލިޔުމުގައި ވަޒީފާ އަދާކުރަން ފެށި ތާރީހާއި ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮންނަންވާނެ ކަމަށް ކައުންސިލުން ބުންޏެވެ. ޕެންޝަން ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައިވާ ނަމަ، ވަޒީފާ ދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހެޅިދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ދިރިއުޅޭ ރަށުގެ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުންވެސް ހުށަހެޅިދާނެ ކަމަށާއި އޭގެ އިތުރުން ދައުލަތުގެ އިދާރާއަކުން، އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކުގެ މައުލޫމާތުން، އެރަށެއްގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް ވެސް ހުށަހެޅިދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ދިރިއުޅޭ ރަށުގައި ދިރިއުޅޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، އެމީހަކު އެރަށެއްގައި ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ދީފައިވާ، ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓް ވެސް ހުށަހެޅިދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ފޭދޫ ކައުންސިލުން ރަށުގައި ދިރިއުޅެމުންނުދާ މީހުންގެ ދަފުތަރެއް އެކުލަވާލާ އިރު، ސަރުކާރުން އިއުލާންކޮށްފައިވާ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވާ މީހުން ފުލެޓަށް ކުރިމަތިލާ ނަމަ، ރަށު ކައުންސިލުން މެދުވެރިކޮށް އެ މީހަކު ރަށުގައި ދިރިއުޅެމުން ނުދާކަމުގެ ލިޔުމެއް ހޯދަން ޖެހެއެވެ.