ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން 3260 ފްލެޓުގެ އަމަލީ މަސައްކަތް ނިންމުމަށް ޓާގެޓުކޮށްފައިވަނީ 2028ގެ މެދުތެރޭގައި ކަމަށް ހައުންސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ސަހަރާ މިސްކިތް ކުރިމަތީ އޮންނަ ބިމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

އެ މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވާނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށްފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

27 ޖެނުއަރީ 2026: ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ ސޯޝަލް ހައުސިން ޔުނިޓްގެ ތެރެއިން 3260 ފްލެޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

އެތަނުން 800 މަޝްރޫއު ކުރިއަށްގެންދަނީ ދިވެހި ތިން ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެއީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

އެ މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ދެ ކުންފުންޏަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސޮއިކުރެވިގެންދިޔަ ހައުސިން ޔުނިޓުތަކުގެ ތެރޭގައި ހުޅުމާލެ ފޭސް އެކެއްގައި ހެދުމަށް ހަމަޖެހިފައިވާ 500 އަށްވުރެ ގިނަ ހައުސިން ޔުނިޓާއި ވިލިމާލޭގައި ހަދާ 300 ހައުސިން ޔުނިޓް ހިމެނޭ ކަމަށެވެ.

"މި ތިން ކުންފުންޏާ ހަވާލުކުރެވޭ 800 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެންދާ ދިއުމަކީ ހައުސިން މިނިސްޓްރަރެއްގެ ހައިސިއްޔަތުން ލިިބިގެންދާ ވަރަށް ބޮޑު އުފަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ބީއެމްއެލްގެ އެހީތެރިކަމާއެކު 3260 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެންދާއިރުގައި 2028 ވަނަ އަހަރުގެ މެދުތެރޭގައި މަސައްކަތް ނިންމައި އެތަންތަން ލިބޭ ފަރާތްތަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.

"އުންމީދަކީ ބީއެމްއެލާއި ސަރުކާރާއި ކުންފުނިތަކާ ގުޅިގެން މިކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބި ޓާގެޓާ އެއްގޮތަށް 2028ގެ މެދުތެރޭ މަޝްރޫއުތައް ނިމިގެންދިއުން. މި ޕްރޮޖެކްޓު ވާނީ ސަރުކާރުން މަސައްކަތް ފަށައި ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް،" މުއްތަލިބު ވިދާޅުވިއެވެ.

އެ މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް އެކެއް، ފޭސް ތިނެއް އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް، ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާނެއެވެ.