ކޮންމެ އަހަރަކުވެސް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ ދެ ޕަސެންޓަށްވުރެ މަދުނޫން މިންވަރެއް ޝަރުއީ ދާއިރާއަށް ކަނޑައަޅަންވާނެކަން ބަޔާންކޮށް ޝަރުއީ ދާއިރާއާ ގުޅުން ހުރި މާލީ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފިއެވެ.
މި އުސޫލަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއީ އަދުލު އިންސާފުގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ރޭވުމާއި، ދޫކުރުމާއި، ބެލެހެއްޓުމުގެ އިތުރުން ރިޕޯޓް ކުރުމަށްޓަކައި އެ ދާއިރާއަށް ހާއްސަ އޮނިގަނޑެއް އެކަށައެޅުމުގެ މަގުސަދުގައި އެކުލަވައިލި އުސޫލެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ މި އުސޫލަކީ، ދައުލަތުގެ މާލިއްޔަތު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތުގެ މާލީ ނިޒާމުގެ ތެރޭގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމާއެކު، ޝަރުއީ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ހާއްސަ އިންތިޒާމުތަކަށް މަގުފަހިކޮށްދޭ އުސޫލެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި އުސޫލުގެ މައިގަނޑު އެއް ބަޔަކީ، ބަޖެޓް ކަނޑައެޅުމާއި ބަޖެޓު ތަންފީޒު ކުރުމުގައި ގެންގުޅޭނެ ވަކި މިންގަނޑުތަކެއް ތައާރަފު ކުރުމެވެ. މީގެ ތެރޭގައި ފައިސާ ދޫކުރުމާއި، ޒިންމާދާރު ކުރުވުމުގެ ހަރުދަނާ އުސޫލުތަކެއް ހިމެނެއެވެ.
ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ބޭނުންވާ ފައިސާ ހިމަނާނެ ކަމަށް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޮންމެ އަހަރެއް ފެށުމުން، ދައުލަތަށް ލިބޭނެ ކަމަށް އެ އަހަރަކު އަންދާޒާކުރާ އާމްދަނީގެ ދެ ޕަސެންޓަށްވުރެ މަދުނޫން މިންވަރެއް ޝަރުއީ ދާއިރާއަށް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި މިންވަރު ހިސާބު ކުރުމުގައި، ވަކި ކަމަކަށް ހާއްސަކޮށްފައިވާ އާމްދަނީ އާއި އަދި އަލަށް ތައާރަފުކުރަން ނިންމާ އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ނުހިމެނެއެވެ.
އުސޫލުގައިވާ ގޮތުން މާލީ މުއާމަލާތްތައް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ޝަރުއީ ދާއިރާއަށް ދޭ ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް އެހީ ލިބުމާއި، ބެލެހެއްޓުމާއި އަދި ހަރަދު ކުރަންވާނީ މާލީ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވާފައިވާ ހާއްސަ އެކައުންޓެއް މެދުވެރިކޮށެވެ. މި އެކައުންޓުން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށެވެ.
މީގެ އިތުރުން، މެދު ރާސްތާގެ ސިޔާސަތުތަކާއި ބަޖެޓާ ގުޅޭ ހަރުދަނާ އުސޫލުތަކެއްވެސް މި އުސޫލުގައި ހިމަނާފައިވެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޝަރުއީ ދާއިރާގެ ބަޖެޓު ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 30 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. މި ބަޖެޓުގައި މެދު ރާސްތާގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ތަފުސީލާއި ބަޖެޓު ޑެފިސިޓް ވާނެކަމަށް ބެލެވޭނަމަ، އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތުގެ ޕްލޭނެއް ހިމަނަންވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ބަޖެޓު ހިންގުމާއި، ބެލެހެއްޓުމުގެ އިޖުރާއަތުތައްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މަޝްރޫއުތަކަށް ފައިސާ ހޯދުމާއި، ހަރަދުތައް ބެލެހެއްޓުމުގެ ސިޔާސަތުތައް އެކަށައެޅުމުގެ ޒިންމާ އުފުލާނީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އަދި މާލީ ޒިންމާދާރު ވެރިޔާ އެ ސިޔާސަތުތަކާ އެއްގޮތަށް ބަޖެޓު ތަންފީޒު ކުރުމުގެ ޒިންމާ އުފުލަން ޖެހެއެވެ. ކަނޑައެޅިފައިވާ ބަޖެޓުން ބޭރުން ކޮންމެހެން ކުރަންޖެހޭ ހަރަދެއް ކުރިމަތިވެއްޖެނަމަ، އެ ހަރަދެއް ކުރުމުގެ ކުރިން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ޖެހެއެވެ. މިފަދަ ބަޖެޓެއްގެ ސަބަބުތަކާއި ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، އާންމުކުރަން ޖެހެއެވެ.
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން އެ އުސޫލުގައި ވަނީ، ޝަރުއީ ދާއިރާގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަސައްކަތްތަކަށް ހަރަދުކުރާނީ އެ ދާއިރާއަށް ދޭ ސެކްޓޯރަލް ގްރާންޓް އެހީގެ ތެރެއިން ކަމަށެވެ. ނަމަވެސް، ވަކި ޝަރުތުތަކަކާއެކު ދައުލަތުން އިތުރު އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ. މިފަދަ އެހީއެއް ދިނުމުގެ ކުރިން، ކަމާބެހޭ ސަރުކާރުގެ އިދާރާއަކާއި، ޑީޖޭއޭއާ ދެމެދު އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ ކަމަށާއި، ދައުލަތުން ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ތަފުސީލުވެސް ފިނޭންސް އަސް ހުށަހަޅަން ޖެހެއެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި ޕޭ ކޮމިޝަންގެ މިންގަނޑުތަކަށާއި، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށާއި، އަދި ވަޒީފާއާބެހޭ ގާނޫނަށް އަމަލުކުރަން ޖެހެއެވެ. ވަގުތީ މުވައްޒަފުން ނެގޭނީވެސް މި މިންގަނޑުތަކުގެ ތެރެއިން، ބަޖެޓުގައި ފައިސާ ހުރިކަން މާލީ ޒިންމާދާރު ވެރިޔާ ކަށަވަރު ކުރުމަށްފަހުގައެވެ. އަދި ކޮންމެ މަހަކު ކުރަންޖެހޭ މުހިންމު ހަރަދުތައް ކަމަށްވާ ކުއްޔާއި، ބިލްތައް ފަދަ ކަންކަމަށް ފައިސާ ހުރިކަން ކަށަވަރުނުކޮށް އިތުރު ހަރަދުތަކަކަށް ޒިންމާވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް