ފިލިޕީންސްގައި ފެރީއެއް ބަންޑުންޖަހާލައި 18 މީހަކު މަރުވެއްޖެއެވެ.

ފިލިޕީންސްގެ ދެކުނު ސަރަހައްދުގައި 350 މީހުންނާއި ފަޅުވެރީން ދަތުރުކުރަމުން ދިޔަ ފެރީ ބަންޑުން ޖަހާލި މި ހާދިސާގައި، 317 މީހަކު ސަލާމަތްކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބަންޑުން ޖަހާލި ފެރީން ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން 24 މީހަކު އަދި ނުފެންނަ ކަމަށާއި މަރުވި 18 މީހުން ވެސް ފެނިފައިވަނީ ކަނޑުގެ އަޑިން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ކާގޯ އާއި ފަސެންޖަރުން އުފުލަން ބޭނުންކުރާ އެމްވީ ޓަރިޝާ ކާސްޓިން 3 ނަމަކަށް ކިޔާ އެ ފެރީ ދަތުރުކުރަމުން ދިޔައީ ފިލިޕީންސްގެ ދެކުނުން އޮންނަ މިންޑާނައޯ އިން އެ ގައުމުގެ ޖޯލޯ އައިލެންޑަށެވެ. ފެރީން ނުރައްކަލުގެ ސިގުނަލް ފޮނުވާފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފެރީ ބަންޑުން ޖަހާލި ސަބަބު ދެނެގަތުމަށް ފިލިޕީންސްގެ އިދާރާތައް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.