ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގެ ޓްރެފިކް ލައިންތައް އާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހައިވޭގެ ޓްރެފިކް ލައިންތައް އާކުރުމުގެ މަސައްކަތް މިރެއިން ފެށިގެން މަސައްކަތް ނިމެންދެން، ކޮންމެ ރެއަކު 12:00 އިން ހެނދުނު 06:00 އަށްކުރިޔަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމުން، މަސައްކަތް ކުރިއަށް ދާއިރު، ހައިވޭ ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ.

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ބަލަހައްޓައި މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮންނަނީ އެޗްޑީސީއާއެވެ. ހައިވޭ މަރާމާތުކުރުމުގެ މަސައްކަތް ފެށިއިރު، އެ މަގުގެ ދެ ފަރާތުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހައި ވަރަށް ބޮޑަށް ވަނީ ބާވެފައެވެ.

އަދި ހައިވޭގެ ބައެއް ސަރަހައްދުތަކުގެ ދަނގަދުތައް އެތަނުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގައި ބެންޑުވެފައި އަދި އަނެއްބައިގެ ދަނގަޑުތައް ވަކި ހިސާބަތުން ބުރިވެފައިވެއެވެ.