ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާންގެ ފިލްމު "ކިންގް" ސިނަމާތަކަށް އަންނާނެ ތާރީޚު ރަސްމީކޮށް އިއުލާންކޮށްފިއެވެ. މަޝްހޫރު ޑައިރެކްޓަރު ސިއްދާތު އާނަންދާއެކު ޝާހު މަސައްކަތްކުރާ މި ބޮޑު އެކްޝަން ފިލްމު ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު 24 ގައެވެ.

މި ފިލްމުގެ ފުރަތަމަ ޓީޒާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު، ޝާހުގެ އުފަންދުވަހާ ދިމާކޮށް އާންމުކޮށްފައިވާއިރު، އަލަށް ނެރުނު ޓީޒާއިން ފިލްމާ ބެހޭ އިތުރު ތަފްސީލުތަކެއް ވަނީ ހާމަވެފައެވެ. މި ޓީޒާގައި ޝާހު ފެންނަނީ ވަރަށް ނުރައްކާތެރި "މޮބް ބޮސް" އެއްގެ ގޮތުގައެވެ. ފަރުބަދައެއްގެ މަތީގައި، އިސްތަށިގަނޑުން ބައެއް ނުރަވެފައި ހުރި ބިރުވެރި ސިފައެއްގައި އޭނާ ފެންނައިރު، ފޯރިގަދަ އެކްޝަން މަންޒަރުތަކެއްވެސް މި ވީޑިއޯގައި ހިމަނާފައިވެއެވެ.

https://youtu.be/M3mfut2RdHk?si=boYAQkoceu_VgrC0

މީގެ ކުރިން އާންމު ވި ޓްރެއިލާގައި ވަރަށް ވަރުގަދަ މޮނޮލޮގެއް އިއްވަމުން ޝާހު ބުނެފައިވަނީ، އޭނާ މަރާލީ ކިތައް މީހުންކަން ހަނދާންވެސް ނެތް ކަމަށާއި، އޭނާއަކީ ބިރުވެރިކަމެއް ނޫން ކަމަށާއި، އޭނާއަކީ ހަލަބޮލިކަން ކަމަށެވެ. މި ތަފާތު ސިފައާއި އަނދިރި މާހައުލެއް ދައްކުވައިދޭ ފިލްމަށް ސޯޝަލް މީޑިއާގައި މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.

"ކިންގް" އަކީ ޝާހުގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް ތައާރަފުވާ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، އަރުޝަދު ވަރްސީ އަދި އަނިލް ކަޕޫރު މުހިންމު ރޯލުތަކުން ފެންނާނެ އެވެ. މި ފިލްމަކީ ރެޑް ޗިލީޒް އެންޓަޓެއިންމަންޓާއި މަރްފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ.