ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށާއި މުޅި މަޝްރޫއުގެ 36.61 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ ފަޅުތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު "ލެއިވް އެރިކްސަން" ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މިއީ ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުންކުރާ ޒަމާނީ އަދި ގާބިލު އުޅަނދެކެވެ.

ދިއްދޫގައި ހިއްކާ މި ބިމަކީ ރަށުގެ ތަރައްގީއަށް މުހިންމު ބޭނުންތަކެއް ފުއްދުމަށް ހިއްކާ ބިމެކެވެ. އޭގެ ތެރޭގައި އެ ރަށުގައި އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އިޖުތިމާއީ އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.

އެމްއޭސީއެލްއިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.