ކަނޑުގެ ހޭލުންތެރިކަން އިތުރުކުރުމަށް ދުނިޔޭގެ ރެކޯޑް ޑައިވް އެކްސްޕެޑިޝަން "އެކްރޮސް މޯލްޑިވްސް"އާ އުރީދޫ މޯލްޑިވްސް ޕާޓްނާ ވެއްޖެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ކަނޑުތައް ހިމާޔަތްކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" އިން ކުރަމުންދާ އަޑީ ސީ އެކްސްޕެޑިޝަނެއްގައި ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޖުމުލަ 460 ކިލޯމީޓަރަށް ދިގު އެ ދަތުރުގައި 90 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި ދަތުރު ކުރާނެ ކަމަށާއި އެ ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން ހޭލުންތެރިކުރުވުން ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އިން އެ އެކްސްޕެޑިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނެ ކަމަށެވެ.

އެ ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތައް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމަށާއި އެ ކުންފުނިން ދަނީ ޓެކްނޮލޮޖީ އާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އުރީދޫން ބުންޏެވެ.

އެ ޑައިވް އެކްސިޝަންގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަގުވާމީ ޗެމްޕިއަން ގައުމަކަށްވެގެންދާނެ ކަމަށް ބެލެވެއެވެ.