ފުޑް އެންޑް ބެވަރޭޖް ޝޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް އިން ހައިރައިޒް އާއެކު ޕާޓްނާ ވެއްޖެއެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯގެ ނުވަވަނަ އެޑިޝަން ކުރިއަށްގެންދަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެ ޝޯގައި އިންޑަސްޓްރީގެ އިސްވެރިންނާއި، ސަޕްލަޔަރުންނާއި، ވިޔަފާރިވެރިން ބައިވެރިވާނެއެވެ.

އުރީދޫން ބުނީ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ ބިޒްނަސް އިން މުހިންމު ދައުރެއް އަދާކުރާނީ، ޑިޖިޓަލް ސޮލިއުޝަންތަކާއެކު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި، ކަސްޓަމަރުން އެންގޭޖްކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކަމަށެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ އެގްޒިބިޝަންގައި އުރީދޫ ބިޒްނަސްއަށް ހާއްސަ ބޫތެއް ވެސް ހުންނާނެއެވެ.

އުރީދޫން ބުނީ އުރީދޫ ބިޒްނަސް އިން ގެނެސްދޭ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް، މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ގެނެސްދެވޭ ހިދުމަތްތަކެއް ކަމަށެވެ.

އުރީދޫ ބިޒްނަސް އިން ވަނީ އެ އެގްޒިބިޝަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އެ ކުންފުނީގެ ބޫތަށް ޒިޔާރަތްކުރުމަށް ދައުވަތު ދީފައެވެ.