ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްގެން މިމަހުގެ ތެރޭގައި 3،300 ފުލެޓެއް ހެދުމުގެ މަސައްކަތް ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މިއަހަރުގެ ތެރޭގައި 12،000 ހައުސިން ޔުނިޓެއްގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހައުސިން ޔުނިޓުތަކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"މި 3،300 ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މި މަސައްކަތުގެ ސައިޓް މަސައްކަތް މިމަހު ފަށާނެ. ދެ އަހަރުން މަސައްކަތްތައް ނިންމާ މީހުން ވެއްދޭނަކަމަށް އުއްމީދަކީ" މުއްތަލިބް ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ އެ 3،300 ހައުސިން ޔުނިޓުގެ ތެރެއިން ހުޅުމާލެ ފޭސް އެކެއްގައި 546 ހައުސިން ޔުނިޓު ހަދާނެ ކަމަށެވެ. ހުޅުމާލެ ފޭސް ތިނެއްގައި 2،414 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 312 ހައުސިން ޔުނިޓު ހަދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ގުޅިފަޅުގައި ގާއިމްކުރަން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުގެ މެދުތެރޭގައި އެ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
އޭގެ އިތުރުން ސައުދިއަރަބިއްޔާގެ އެހީތެރިކަމާއެކު ގާއިމްކުރާ 400 ހައުސިން ޔުނިޓާއި އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން ޗައިނާއިން އިމާރާތްކުރާ 500 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ޔަގީންވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެގެންދާނީ 2008 ފަހުން ސަރުކާރަކުން ފަށާ ހައުސިން ޕްރޮޖެކްޓެއް ނިންމައި ރައްޔިތުން އެތަނުގައި ދިރިއުޅެން ފަށަން ފުރުސަތުދޭ ފުރަތަމަ ސަރުކާރަށް ކަމަށެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު