މި މަސް ނިމޭއިރު ގިރާވަރުފަޅު ހިއްކަން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުލްމުއްތަލިބް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހިއްކަމުންދާ ހުޅުމާލެ ފޭސް 3 ގެ މަސައްކަތް ނިމުމާއެކު ގިރާވަރުފަޅު ހިއްކަން ފަށާނެ ކަމަށެވެ. ފޭސް 3 ހިއްކުން މިމަހު ނިމޭނެ ކަމަށްވަނީ ލަފާ ކުރައްވައިފައެވެ.

"އެހެންވީމަ މިމަސް ނިމޭއިރު ގިރާވަރުވެސް ހިއްކަން ފެށޭނެ ކަމަށް މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމް"ގެ ދަށުން ގިރާވަރުފަޅުންވަނީ ގޯތި ދޫކޮށްފައެވެ.

ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 62 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް، އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ވަނީ ބުނެފަ އެވެ. އެއީ އެ މަޝްރޫއުގެ 98 ޕަސެންޓް މަސައްކަތެވެ.

ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ ނޮވެމްބަރު މަހުގެ 28 އިން ފެށިގެން އެ މަސައްކަތް ކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ.