ދިރާގުގެ އާ ޕާޓްނާ ފިހާރައެއް ހުޅުމާލެ ފޭސް އެކެއްގައި ހުޅުވައިފިއެވެ.

ދިރާގުން ބުނީ އެ ފިހާރައިގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް އެ ކުންފުނީގެ ހިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލެ ފޭސް އެކެއްގެ ހުވަނދުމާ ހިނގުމުގެ ކޮމާޝަލް ޔުނިޓް A-01-04 223000 ގައި ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ސަރަހައްދަކީ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދެއް ކަމުގައި ވެފައި، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ:

  • ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން.
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގުން.
  • ޕްރީޕެއިޑް ރީޗާޖުކުރުން.
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން.

އެ ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައިވާ އިރު، އެ ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ހިދުމަތްތައް ހޯދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް3 ޕްރޯއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 26ގެ ނިޔަލަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ދިރާގުން ދަނީ އެކި މުޖުތަމައުތަކަށް ހާއްސަކޮށްގެން އަވަސް އަދި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.