ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 62 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް، އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 62 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ ނޮވެމްބަރު މަހުގެ 28 އިން ފެށިގެން އެ މަސައްކަތް ކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ.

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ކަލާފާނު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތް ނިމުމާއެކު، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށް އެ ޑްރެޖަރުތައް ދާނެ ކަމަށާއި އަދި ގިރާވަރުފަޅުގެ މަސައްކަތް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. ހުޅުމާލޭ ފޭސް ތިނަކުން މި މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ނަމަވެސް އޭގެ ފަހުން މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހު އެމްއޭސީއެލުން ބުނެފައިވަނީ، ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ ދޮޅު މަސްތެރޭ ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނައުމުގެ އިތުރުން ރަސްމާލެ ހިއްކުމަށް ވެސް ވަނީ ޑްރެޖަރެއް ގެނެސްފައެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" އެވެ. އެ ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އަންނަ މާޗް ނުވަތަ އޭޕްރީލް މަހު އެއްކޮށް ނިންމައިލެވޭނެއެވެ.