އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލުގެ ތެރެއިން ސެނެގާލް ދަނޑުން ފޭބި މައްސަލަ، ގާނޫނީ ގޮތުން ހުށަހަޅަން މޮރޮކޯއިން ނިންމައިފިއެވެ.
މޮރޮކޯއާއި ސެނެގާލް ވާދަކުރި އެފްކޯންގެ ފައިނަލުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެ ޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެވެސް އެހީގައި ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލް ކޯޗު ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފައެވެ.
ސެނެގާލް ކޯޗު އެ ހިސާބުން މެޗު ނުކުޅެން ނިންމައި، ޑްރެސިން ރޫމަށް ޓީމު ގެންދިޔުމުން، 15 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ހާލަތަށް ދިޔަތަނުން ސެނެގާލް އަލުން ކުޅެން ނެރުނީ ކެޕްޓަން ސަޑިއޯ މާނޭއެވެ. އޭނާ ވަނީ އެކަން ނޫސްވެރިންނަށްވެސް ޔަގީން ކޮށްދީފައެވެ.
ސެނެގާލްގެ ކޯޗު އެކަމަށް މައާފަށް އެދި، ރެފްރީގެ ގޯސް ގަބޫލުކުރި ކަމަށްވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް ދަ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) ވަނީ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ.
އެެހެން ކާފްއިން ބުނެފައި ވަނިކޮށް މޮރޮކޯ އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނީ ގޮތުން އެ މެޗަށް ގޮތެއް ނިންމައިދީ، ކަންކަން ހިނގައިދިޔަ ގޮތަށް ފިޔަވަޅު އަޅައިދޭން ކާފްއާއި ފީފާއަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. މޮރޮކޯއިން ބުނީ ރެފްރީ ދިނީ ރަނގަޅު ޕެނަލްޓީއެއް ކަމަށް އެތައް ތަޖުރިބާކާރުންނެއް ބުނެފައިވާ އިރު، ސެނެގާލުން ދަނޑުން ފޭބުމުން ކުޅުންތެރިންގެ ރޫހާއި ކުޅުމަށް ބޮޑު އަސަރެއް ކުރި ކަމަށެވެ.
ސެނެގާލް ޓީމުން ފެނުނު މަންޒަރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ކުށްވެރި ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ފުޓުބޯޅައިގެ ތެރެއިން އެކަހަލަ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެ ކަމަށާއި، ސެނެގާލުން ކަންތައް ކުރީ މުޅި ފުޓުބޯޅައަށް ހުތުރުވާފަދަ ގޮތަކަށް ކަމަށެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން