އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލުގެ ތެރެއިން ސެނެގާލް ދަނޑުން ފޭބި މައްސަލަ ބަލައި، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ދަ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން އިއުލާނު ކޮށްފިއެވެ.
ރޭ މޮރޮކޯއާއި ސެނެގާލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، މޮރޮކޯއަށް ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑު ބާލުވައިފައެވެ.
ސެނެގާލް ކޯޗު އެހިސާބުން މެޗު ނުކުޅެން ނިންމައި، ޑްރެސިން ރޫމަށް ޓީމު ގެންދިޔުމުން، 15 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.
މޮރޮކޯއަށް ދިން ޕެނަލްޓީއަކީ ސެނެގާލްގެ ޑިފެންޑަރު އެލް ހާޖީ މަލިކް ޑިއުފް، ބްރަހީމް ޑިއާޒަށް ފައުލް ކުރި ކަމަށް ބުނެ ދިން ޕެނަލްޓީއެކެވެ.
އެހާލަތަށް ދިޔަތަނުން ސެނެގާލް އަލުން ކުޅެން ނެރުނީ ކެޕްޓަން ސަޑިއޯ މާނޭއެވެ. އޭނާ ވަނީ އެކަން ނޫސްވެރިންނަށްވެސް ޔަގީން ކޮށްދީފައެވެ.
ކޯޗުގެ އެ އަމަލާއެކު ނޫސް ކޮންފަރެންސްގައި ނޫސްވެރިންވެސް ވަނީ އޭނާއަށް ފާޑު ކިޔުމުގެ ގޮތުން ސުވާލުތައް ކުރިމަތިކުރުވާފައެވެ. އެ ސުވާލުތައް އަންނަން ފެށުމުން އޭނާ ވަނީ ނޫސް ކޮންފަރެންސްވެސް ދޫކޮށްލައިފައެވެ.
މެޗުން ސެނެގާލް މޮޅުވި އިރު، ކޯޗު ޗާއޯ ވަނީ މިއަދު އެކަމަށް މާފަށް އެދިފައެވެ. އެހެން ނަމަވެސް ކާފްއިން ބުނީ ކޯޗުގެ މައްސަލައިގެ އިތުރުން ސެނެގާލްގެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ. ނޫސްތަކުން ބުނީ ބެލެވޭ ގޮތުގައި ކޯޗަށް ބޮޑު އަދަބެއް އައުން އެކަށީގެންވާ ކަމަށެވެ.
ސެނެގާލް ޓީމުން ފެނުނު މަންޒަރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ކުށްވެރި ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ފުޓުބޯޅައިގެ ތެރެއިން އެކަހަލަ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެ ކަމަށާއި، ސެނެގާލުން ކަންތައް ކުރީ މުޅި ފުޓުބޯޅައަށް ހުތުރުވާފަދަ ގޮތަކަށް ކަމަށެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން