ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ މިއީ، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭ.އައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ހެކަތޯންއެއް ކަމަށެވެ.
މި ހެކަތޯންގެ ޒަރިއްޔާއިން ޒުވާން އުފެއްދުންތެރިންތަކެއް އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭއައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް މަދު ވަގުތެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މި ހެކަތޯންގައި ޕްރޮޑަކްޓްތައް އުފެއްދުމުގެ ހުރިހާ މަރުހަލާއަކުން ފެށިގެން ޕްރޮޑަކްޓް ތައާރަފު ކުރުމާ ހަމައަށް އޭއައިގެ ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފާރަތްތަކުގެ އެހީއާއި އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
އަދި އެހެން ހެކަތޯންތަކާ ހިލާފަށް، ޖެންއޭއައި ހެކްގައި ބޭނުން ކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެއް ކަމަށާއި މި ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ހާއްސަކޮށްގެން މުޅިން އަލަށް އުފައްދާ ޕްރޮޑަކްޓްތައް ކަމަށެވެ. ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ މި ހެކަތޯންގެ ކޯ-ޕާޓްނަރަކީ ސިނެޓެކްސްއެވެ.
ދިރާގުން ބުނީ "ނޯ ޝިޕިން، ނޯ ޕިޗިން" ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފު ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ސްލައިޑް ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފުކުރާ ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކަށް ކަމަށެވެ.
"ޖެނެރޭޓިވް އޭއައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތައް ބޭނުން ކުރުމަށް ވީހާވެސް ގިނަ ބަޔަކު އަހުލުވެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމުން، މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭއައިގެ އެހީގައި ހައްލުތައް ހޯދައި، ތަކެތި އުފެއްދުމަށާއި އެ އުފެއްދުންތައް ތަޖުރިބާކޮށް، ތައާރަފު ކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް"، ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވިއެވެ.
ޕާކްހަބްގެ ސީއީއޯ އަދި ކޯ-ފައުންޑާ ހުސައިން ޖިނާން ވިދާޅުވި ދުނިޔޭގެ ފެންވަރުގައިވެސް އާ ވިޔަފާރިވެރިން ދަނީ އޭއައި ބޭނުންކޮށްގެން ހުނަރުގެ ފަރަގު ކުޑަކޮށް، އޭއައިގެ އެހީގައި ހަލުއިކަމާއެކު ޕްރޮޑަކްޓްތައް އުފައްދަމުން ކަމަށެވެ. އެހެންކަމުން، އާންމު ހެކަތޯންތަކާ ތަފާތުކޮށް ކުރިއަށްގެންދާ ޖެންއޭއައި ހެކްގެ އަމާޒަކީ ހަމައެކަނި ކޮންސެޕްޓްތަކެއް ހުށަހެޅުމުގެ ބަދަލުގައި، އަސްލު ޕްރޮޑަކްޓްތަކެއް އުފައްދައި، އެ ތަކެތި ތައާރަފޫ ކުރުމަށް އެހީތެރިވުން ކަމަށެވެ.
މި ހެކަތޯން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު 6 އިން 8 އަށެވެ. އަދި މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 3-5 މެމްބަރުންގެ ޓީމްތަކަށް ހުޅުވައިލައިފައެވެ. މި ފުރުސަތު، އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
މި ކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އަދި ރަޖިސްޓަރީކުރުމަށް https://genaihack.io/ އަށް ޒިޔާރަތްކުރުމަށް ދިރާގުން ބުންޏެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ