އަންނަ އޭޕްރީލު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ބޭރުގެ ފަރާތްތަކަށް އިންތިހާބު ކަވަރުކުރުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކިވަކި ފަރުދުންނަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުން ކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދީގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.
ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
މި އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ ދެ ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.
އިބްރާހިމް ޒަކީ
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު