މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، ހައްގުވާ ފަރާތްތަކަށް ހަވާލުކޮށް ދިރިއުޅެވޭނެ ވަރު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ވަނީ 7،900 ފުލެޓާއި، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމައި މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން މިއަދުގެ 9:00 ގައި ހުޅުވާލައިފައެވެ.
"ބޯހިވާހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް އެ ފުރުސަތު ހުޅުވާލިކަން އިއުލާންކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ހަފުލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގޯއްޗަށް އެދުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ 4 ގެ 23:59 އަށް ކަމަށެވެ. އަދި ފުލެޓަށް އެދި ހުށަހެޅޭނީ އަންނަ އޭޕްރީލް 17 ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.
"2008 ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައެއް ނުވާ. މި ދައުރުގެ ތެރޭގައި އަޅުގަނޑުމެން ރަޖިސްޓްރީ ހައްދައި، ގޯތި ވެސް ހަވާލުކޮށްދޭނަމޭ. 7،900 އަކީ މިހާރު ޔަގީންވެފައިވާ ފުލެޓުތަކުގެ އަދަދު. އެ ސަރުކާރަކުން ފަށައިގެން، އެ ސަރުކާރަކުން ނިންމައި، ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ވަދެވޭ ވަރަށް ޕްރޮޖެކްޓު ނިންމާ ސަރުކާރަކަށް މި ސަރުކާރު ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު އިއުލާނުކުރި ބޯހިޔާވަހިކަމުގެ ތެރޭގައި ނުފަށާ އެއްވެސް މަޝްރޫއެއް ނުހިމެނޭނެ ކަމަށާއި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.
"މި ޕްރޮގްރާމަކީ އެހެން ފަހަރުތަކާ ހިލާފަށް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ހާއްސަކުރެވިގެން ހިންގޭ ޕްރޮގްރާމެއް. އާއިލާތަކަށް އިސްކަންދިން ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ހުށަހެޅޭނެ،" މިިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ލޯންޗުކުރި ޕޯޓަލް އިން ކޮންމެ މީހަކަށްވެސް އެ މީހެއްގެ ވެރިފައި އީފާސް އެކައުންޓުން ލޮޖިންކުރުމުން ބޭނުންވާ ސްކީމް އިހުތިޔާރުކުރުުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ބިމާއި ފްލެޓް ސްކީމްގެ އިތުރުން ވެށިފަހި މާލެ އަދި ހިޔާ ސްކީމް އިހުތިޔާރުކުރުުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.
"ބިމާއި ފްލެޓް ސްކީމްގެ އިތުރުން ވެށިފަހި މާލެ އަދި ހިޔާ ސްކީމުން ލިބޭނެ ކަމަށް ލިޔުން ހަވާލުކޮށް، އެހެންނަމަވެސް ފްލެޓު ހަވާލުނުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އޮޕްޝަނެއް. އަމާޒަކީ މަސައްކަތް ނިންމައި މީހުން ދިރިއުޅެވޭވަރު ކުރުން. އެޕްލިކޭޝަން ސަބްމިޓްކުރުމުން ސަބްމިޓްކުރިކަމުގެ ލިޔުން އީމެއިލުން ލިބޭނެ. މި ލިޔުމުގައި، އެޕްލިކަންޓަށް ޕޮއިންޓު ލިބުނުގޮތުގެ ތަފްސީލުވެސް ހިމެނިފައިވާނެ،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
އެެހެންކަމުން މިިނިސްޓްރީން އެދެނީ ޝަރުތު ހަމަވާ ފަރާތްތަކުން އެކަނި ފޯމު ސަބްމިޓްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެކުރިންވެސް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ އުސޫލުތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް، ޕޯޓަލުން މައުލޫމާތު ފުރާއިރު ކޮންމެ ފަރާތެއްވެސް މިނިސްޓްރީއަށް ސައްްހަ މައުލޫމާތު ދިނުމަށްވެސް މުއްތަލިބް އެދިވަޑައިގެންނެވިއެވެ.
އެއްވެސް އެޕްލިކޭޝަނެއް ކެންސަލް ކުރުމުގެ ފުރުސަތެއް ހައުސިން މިނިސްޓްރީން ނުދޭނެ ކަމަށާއި އެ މިނިސްޓްރީން އެދެނީ އަވަހަށް ފޯމު ފުރުމުގެ ބަދަލުގައި ފޯމަށް ބޭނުންވާ މައުލޫމާތު ފުރިހަމައަށް ސައްހަކޮށް ޑޮކިއުމަންޓްތަކާއެކު ސަބްމިޓްކުރުމަށް ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ލިބޭ އެޕްލިކޭޝަންތަކުގެ އަދަދަށް ބެލުމަށްފަހު، ވަގުތީ ލިސްޓެއް ނެރެފައި ފޯމު ހުށަހަޅާ މީހެއްގެ ނަންމަތީ އެއްވެސް ތަނެއް އޮތްތޯ މުޅި ރާއްޖޭގެ ހުރިހާ ތަނަކުން ވެރިފައި ކުރާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެެ. އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނައިފައިވެއެވެ. އޭގެ ތެރޭގައި، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ.
ފާތިމަތު ލިއުޝާ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު