ބޮލީވުޑްގެ ކާމިޔާބު ފިލްމު ސިލްސިލާ "ޑޮން" ގެ ތިންވަނަ ބައިން ރަންވީރު ސިންގް ވަކިވުމާ ގުޅިގެން، އަނެއްކާވެސް "ޑޮން" ޝާހުރުކް ޚާން މި ފްރެންޗައިޒްއާ ގުޅެން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހު "ދުރަންދަރު" އިން ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، ރަންވީރު ވަނީ ފަރުހާން އަޚްތަރު ޑައިރެކްޓް ކުރާ "ޑޮން 3" އިން ވަކިވެފައެވެ. ރިޕޯޓްތައް ބުނާގޮތުން ރަންވީރު މި ފިލްމުން ވަކިވީ އުފެއްދުންތެރިކަމުގެ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. ރަންވީރުގެ އިތުރުން މި ފިލްމަށް ކުރިން ހަމަޖެއްސި ބަތަލާ ކިއާރާ އަދްވާނީ އާއި ވިލަންގެ ރޯލަށް ހަމަޖެއްސި ވިކްރާންތު މަސީ ވެސް ވަނީ ފިލްމުން ވަކިވެފައެވެ.
ކަންމިހެން ހުރުމާއެކު، ފޭނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޝާހު އަލުން "ޑޮން" ގެ ރޯލަށް އެނބުރި އަތުވެދާނެ ކަމުގެ އުންމީދު މިހާރު ވަނީ އާވެފައެވެ. ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހު މި ފިލްމަށް އެއްބަސްވާނީ ވަރަށް މުހިންމު ޝަރުތެއް ފުރިހަމަވެގެންނެވެ. އެއީ "ޑޮން 3" ޑައިރެކްޓް ކުރުމުގެ ފުރުސަތު، އޭނާގެ ކާމިޔާބު ފިލްމު "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީއަށް ދިނުމެވެ.
ޝާހު އެޓްލީއަށް އިތުބާރު ކުރަނީ، "ޖަވާން" އަށް ލިބުނު ބޮޑު ކާމިޔާބީއާއި، އެ ފިލްމުން ޝާހަށް ފުރަތަމަ ފަހަރަށް ގައުމީ އެވޯޑް ލިބުމާ ގުޅިގެންނެވެ. އެހެންކަމުން، އެޓްލީގެ ތަފާތު ތަސައްވަރާއެކު "ޑޮން" ގެ ކެރެކްޓަރ އިތުރަށް ވަރުގަދަކޮށް ދައްކާލެވޭނެ ކަމަށް ޝާހު ގަބޫލުކުރެއެވެ.
"ޑޮން 3" ގެ މަސައްކަތްތައް އަލުން ތަރުތީބުވަމުން އަންނައިރު، މި ފިލްމުގެ ބަތަލާގެ ރޯލުން ކްރިތީ ސެނޯން ފެނިދާނެ ކަމަށް ވެސް މިހާރު ދަނީ ބުނަމުންނެވެ.
ޝާހު މިހާރު ތައްޔާރުވަމުންދަނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" އަށެވެ. މި ފިލްމަކީ ޝާހުގެ ދަރިފުޅު ސުހާނާ ޚާން ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމެވެ. މީގެ އިތުރުން ދީޕިކާ ޕަދުކޯން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން އަދި އަނިލް ކަޕޫރު ފަދަ ތަރިން މި ފިލްމުން ފެނިގެންދާނެއެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން