ސިވިލް އެވިއޭޝަން އޮތޯރިޓީން، މަންޓާ އެއާލައިންގެ މެއިންޓަނެންސް އޯގަނައިޒޭޝަނަށް ޑީ1 ރޭޓިން ދީފިއެވެ.

މަންޓާއިން މިއަދު ބުނީ ސިވިލް އެވިއޭޝަނުން ޑީ1 ރޭޓިން ދިނުމުން އެއާލައިނުން އޮޕަރޭޝަނަލް އަދި ޓެކްނިކަލް ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ރަމްޒުކޮށްދޭ ކަމަށެވެ.

މަންޓާ އެއާގެ ހެޑް އޮފް އިންޖިނިއަރިން ޕަބްލޯ އަލްވޭސް ވިދާޅުވީ، މިއީ އެ އެއާލައިންގެ އިންޖިނިއަރިން ޑިވިޝަނުން ކުރިއަރާފައިވާ މިންވަރު ދައްކުވައިދޭ ކަމެއްކަމަށެވެ.

"އެންޑީޓީ ހިދުމަތްތައް އިން-ހައުސްކޮށް ކުރެވުމަކީ، ހިދުމަތް އައުޓްސޯސްކޮށްގެން ހޯދަން ކުރާ ހޭދަ އަދި ކްރިޓިކަލް އިންސްޕެކްޝަންތަކަށް ހޭދަކުރަން ޖެހޭ ވަގުތުވެސް ސަލާމަތްވާނެކަމެއް،" ޕަބްލޯ އަލްވޭސް ވިދާޅުވިއެވެ.

ސިވިލް އެވިއޭޝަންގެ ޑީ1 ރޭޓިންއާއެކު އެއާކްރާފްޓްގެ ސްޓްރަކްޗާތަކާއި އެކި ބައިތަކަށް 'ނޮން ޑިސްޓްރަކްޓިވް ޓެސްޓިން' (އެންޑީޓީ) ހިދުމަތްތައް ދިނުމުގެ ހުއްދަ ލިބިގެންދާނެކަމަށް މަންޓާއިން ބުންޏެވެ.

އެއާއެކު، އެންޑީޓީ ހިދުމަތްތައް އެހެން އޮޕަރޭޓަރުންނަށް ދެވޭނެ ކަމަށާއި، ސްޓްރަކްޗަރަލް އިންސްޕެކްޝަންތަކަށް ތިން ވަނަ ފަރާތެއްގެ ރުހުން ހޯދަން ނުޖެހޭނެކަމަށް މަންޓާއިން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ހަރަދާއި ވަގުތު ސަލާމަތް ކުރެވޭނެކަމަށް މަންޓާއިން ބުންޏެވެ.

މަންޓާއިން ބުނީ މެއިންޓަނެންސް އޯގަނައިޒޭޝަނަށް ޑީ1 ގެ ރޭޓިން ލިބިފައިވާތީ މިހާރު އެ އެއާލައިންގެ އަމިއްލަ ފްލީޓުގެ އިތުރުން އެހެނިހެން އެއާލައިންތަކަށްވެސް އެ ހިދުމަތް ފޯރުކޮށްދެވެން ހުންނާނެ ކަމަށެވެ.

އެ ރޭޓިންއާއެކު އަލަށް ދެވޭނެ ހިދުމަތްތަކުގެ ތެރޭގައި ލިކުއިޑް ޕެނެޓްރެންޓް އިންސްޕެކްޝަން (ޕީޓީ)، އެޑީ ކަރަންޓް ޓެސްޓިން (އީޓީ) އަދި އަލްޓްރާސޮނިކް ޓެސްޓިން (ޔޫޓީ) ހިމެނޭކަމަށް މަންޓާއިން ބުންޏެވެ.

އެ ހިދުމަތްތަކާ އެކު އެއާކްރާފްޓް ސްޓްރަކްޗާތަކުގެ ސާފަސް، ސަބް ސާފަސް އަދި އިންޓާނަލް މައްސަލަތައް ދެނެގަނެވޭނެކަމަށް މަންޓާއިން ބުންޏެވެ.

މަންޓާގެ މެއިންޓަނެންސް އޯގަނައިޒޭޝަނަށް ހުންނަނީ ދ. ކުޑަހުވަދޫގައި ހުންނަ އެ އެއާލައިންގެ އެމްއާރުއޯ ފެސިލިޓީގައެވެ.