ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ބޭރު ފައިސާ މާރުކުރުމުގައި ހަމަހަމަކަން ގެންގުޅެން ޖެހޭ ކަމަށްބުނެ މަންޓާ އެއާއިން ކަންބޮޑުވުން ފާޅުކޮށްފިއެެވެ.

މަންޓާ އެއާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އާ ގާނޫނާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ އެންގުންތަކާ ގުޅިގެން މަންޓާ އެއާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ދާދި ފަހުން ބަދަލު ގެންނަން ޖެހުނު ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުން ޓޫރިޒަމާ ގުޅޭ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުން މިހާރު މަޖުބޫރެވެ. މަންޓާ އެއާ އޮތް ގިންތިން، އެ އެއާލައިނަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 ޕަސަންޓު ބޭންކުތައް މެދުވެރިކޮށް ލާޒިމުވެއެވެ.

މަންޓާ އެއާގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ކުރިން 100 ޕަސެންޓް ޑޮލަރުން ދެމުންދިޔަ ނަމަވެސް، ބޭރު ފައިސާ މާރުކުރަން ޖެހުމުން، މުސާރައިގެ 50 ޕަސެންޓް ޑޮލަރު އަދި 50 ޕަސެންޓް ރުފިޔާއަށް ބަދަލުކުރަން މަޖުބޫރުވިއެވެ. އެގޮތަށް ނިންމުމުގެ ކުރިން މަންޓާއިން ވަނީ އެމްއެމްއޭއާއެކު ފުޅާ ދާއިރާއެއްގައި އިންޓާނަލް އެސެސްމަންޓްތަކާއި ގިނަ މުއާމަލާތްތަކެއް ކޮށްފައެވެ.

މަންޓާ އެއާއިން ބުނީ މުސާރައިގެ އޮނިގަނޑަށް ބަދަލު ނާންނާނެ ހުރިހާ މަގެއް ހޯދުމަށް މަސައްކަތްކޮށްފައިވާނެ ކަމަށާއި ސްޕެއާ ޕާޓްސް ހޯދުމާއި އެއާކްރާފްޓްގެ ކުއްޔާއި އިންޝުއަރެންސާއި ތެލާއި އެއާޕޯޓާއި އެހެނިހެން އޮޕަރޭޝަނަލް ޗާޖުތަކަށް ވެސް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށެވެ.

ހާލަތަށް ބަލައި ވީހާވެސް އަވަހަކަށް ކުރިއެކޭ ވެސް އެއްގޮތަށް މުސާރަ، 100 ޕަސަންޓު ޑޮލަރުން ދޭން މަސައްކަތްކުރާނެ ކަމަށާއި މުވައްޒަފުންގެ ވެލްފެއާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް މަންޓާއިން ބުންޏެވެ.

ޑޮލަރު މާރުކުރުމަށް އެމްއެމްއޭ އިން ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލުއިތަކެއް ދީފައެވެ. މަންޓާއިން ބުނީ އެމްއެމްއޭގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދެފުށް ފެންނަ ގޮތަކަށް އަދި އިންސާފުވެރިކަން ދެމެހެއްޓުމަށް ގޮވާލާ ކަމަށެވެ.

އެމްއެމްއޭ އިން ޓީއެމްއޭއަށް ލުއިތަކެއް ދީފައިވީ ނަމަވެސް، ޓީއެމްއޭއިން ވަނީ މި މަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ 20 ޕަސެންޓު، ރުފިޔާއިން ދޭން ނިންމައި އެކަން އަންގައިފައެވެ. އަދި އަންނަ މަހުން ފެށިގެން މުޅި މުސާރަ އެއްކޮށް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ.