މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ބިލާލުގެ، ޝުނީނު އަންވަރު (24އ)އާއި ސ. ހިތަދޫ، ބްލޫކޯނާ، ހުސައިން ނާހީ ޖަމާލު (23އ)އާއި، ގދ. ތިނަދޫ / ކުލުނު، އަލީ ސަރީހު އަންވަރު (23އ) އަދި ސ. މީދޫ، ހުވަދުމާވިލާ، އަހުމަދު ލުޖައިން (24އ) ކަމަށެވެ.

އެ މީހުންވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެމްޕީއެލް ޓަވަރުގެ އެޕާޓްމެންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައި ފައިސާ ހޯދައިފައިކަމަށް ތުހުމަތުވާކަމަށް ފުލުހުން ބުންޏެވެ.

"ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ވަނީ ސަލާމަތްކޮށްފައެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ވަނީ އާއިލާއާ ހަވާލުކޮށްފައެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުުމުން އެ ހުރިހާ މީހުން 15 ދުވަަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.