އީރާނުގައި މުޒާހަރާކުރާ މީހުންނަށް އެހީވާން އެމެރިކާ ސިފައިން ލަސްތަކެއްނުވެ އެބަ ފޮނުވަމޭ ހިތްވަރުކުރާށޭ ވިދާޅުވެ އެމެރިކާގެ ރައީސް ސާބަސް ދެއްވިތާ ގިނައިރުތަކެއްނުވެ އޭނާގެ ބަސްމަގާއި ރާގު ބަދަލުވެއްޖެއެވެ. ވަރަށް ބޮޑަށެވެ. އެންމެފަހުން ވިދާޅުވީ މިހެންނެވެ. އީރާނުގައި މުޒާހަރާކުރާ މީހުން މެރުން މުޅިން ހުއްޓާލައިފިއެވެ. މުޒާހަރާގެ ބައިވެރިން ދަންޖައްސައި ނުމަރާނޭކަމުގެ ޔަގީންކަންވެސް ލިބިއްޖެއެވެ. އެވަރަކުން އަދި ނުނިމެއެވެ. އީރާނުގެ ވެރިންގެ ތެރެއިން ވަރަށް އިސް ބޭފުޅުންނާ ވާހަކަ ދެކެވިއްޖެކަމަށްވެސް އެބަ ވިދާޅުވެއެވެ. ކުރިއަށްއޮތް ތަނުގައި އީރާނުގެ ބަހާއި އަމަލު ދިމާވޭތޯ ވަރަށް ގާތުން ބައްލަވަމުން ގެންދަވާނޭ ކަމަށްވެސް ޓްރަމްޕު ވިދާޅުވެއްޖެއެވެ. ޓްރަމްޕު އެވިދާޅުވަނީ ތެދަކަށްވިޔަސް އަދި ދޮގަކަށްވިޔަސް އެއްކަމެއް ވަރަށް ސާފެވެ. އޭނާގެ ބަސްމަގު މައިތިރިވެއްޖެއެވެ. މިހާރު އެދައްކަވާ ވާހަކަފުޅުތަކުން ދޭހަވަނީ އީރާނަށް ހަމަލަދިނުމުގެ ވިސްނުން މިވަގުތަކަށް ދޫކޮށްލައިފިކަމެވެ.
ކޮނެމެއަކަސް އައު ހަގުރާމައެއްގެ ބިރުވެރިކަން މިވަގުތަކަށް އެއޮތީ ކުޑަވެފައެވެ. އީރާނުގެ ވެރިންނާއެކު ވާހަކަތަކެއް ދެކެވިއްޖެޔޭ، މުޒާހަރާތަކުގެ ބައިވެރިން މެރުން ހުއްޓާލައިފިޔޭ އެވިދާޅުވާ ވިދާޅުވުމުގެ ހަގީގީ ބޭނުމަށް ވިސްނައިލާއިރު އެބޭނުމަކީ ހަނގުރާމަޔަކުން ބޯދަމައިގަތުމެވެ. ހަނގުރާމަކުރާނަމޭ، ކުޑަކަކޫ މައްޗަށް ތިރިކުރާނަމޭ ވިދާޅުވެ ހަނގުރާމައިގެ ބެރު ޖެއްސެވީވެސް ޓްރަމްޕެވެ. ހަނގުރާމައެއް ކުރާކަށް އަދިނުޖެހެޔޭ، އީރާނުން ދޫދީފައި އާދޭސްތަކެއް ކުރަން ފަށައިފިޔޭވެސް އެވިދާޅުވަނީ ހަމަ ޓްރަމްޕެވެ. ޓްރަމްޕަކީ ތެދުބަހުން ހަގީގަތަށް ވާހަކަދައްކަވާ ބޭފުޅެއް ނޫންކަން އެންމެންވެސް ދަނެއެވެ. އެހެންވީމާ އީރާނާމެދު މިހާރު އެދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަތެއްކަމަށް ނިންމަން ވަރަށް ދައްޗެވެ. ތެދަކަށްވިޔަސް ދޮގަކަށްވިޔަސް ޓްރަމްޕުގެ ސިގުނަލް އެހެރީ ހަނގުރާމައެއް ނުކޮށް ބޯދަމައިގަތުމާ ދިމާލަށެވެ. އީރާނަށް ހަމަލަދީފިނަމަ ދެން ކަންކަން ބަދަލުވެގެންދާނޭގޮތް ޚުދު ޓްރަމްޕަކަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ. ކޮޅެއް މެދެއް އެނގުމެއްނުވާ ހަނގުރާމައެއްގެ ތެރެއަށް ބޯމަހައިލަން ޓްރަމްޕު ބޭނުންފުޅެއް ނުވެއެވެ.
އީރާނަކީ އާދައިގެ ގައުމެއް ނޫނެވެ. އެއީ ވެނެޒުއެލާއެއްވެސް ނޫނެވެ. އެހެންވީމާ ލޮޓިލިބި، ބޭޒާރުވެ، އަގުވެއްޓުމުގެ ކުރިން ކޮންމެވެސް ބަހަނާއެއް ދައްކާފައި އެމެރިކާއިން މިވަގުތަށް ހިމޭންވެގަތީއެވެ. ޓްރަމްޕުގެ ބަސްމަގާއި ރާގަށް އައި ބަދަލަކީ ބޯދަމައިގަތުމުގެ އުކުޅެއްކަމަށް މިދެންނެވި ދެންނެވުމަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނުވަތަ ރައުޔެެއް ނޫނެވެ. ގަތަރުގެ ޖަޒީރާ ޓީވީޔާއި އެނޫންވެސް ދުނިޔޭގެ މަގުބޫލް ޗެނަލްތަކަށް އަރައި ވާހަކަ ދެއްކި ގިނަ ތަޖުރިބާކާރުންގެ ރައުޔަކީވެސް އެއީއެވެ. ޓްރަމްޕު މިހާރު އުޅުއްވަނީ "ފޭސް ސޭވް" ކުރާނޭ ގޮތެއް ހޯއްދެވުމަށެވެ. އެހެން ހީކުރަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ޓްރަމްޕުގެ މާޒީއަށް ބަލައިފައި އޭނާގެ އަމަލުތަކުންނެވެ. މިދައްކަނީ އީރާނުގެ ވާހަކައެވެ. ހަމަލަދޭނަމޭ، ހަނގުރާމަކުރާނަމޭ، މިފަހަރު ދެން އެހެންގޮތެއްނެތޭ ވިދާޅުވެ އީރާނަށް އިންޒާރު ދެއްވަ ދެއްވައިފައިވެސް ފަރުދާގެ ފުރަގަހުގައި އީރާނާއެކު ޓްރަމްޕު ވަނީ މީގެކުރިން މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފައެވެ.
އެމެރިކާ ބޭނުންވާ ކަންކަން ހާސިލްކުރެވޭތޯ ބިރުދައްކާއިރު ފަރުދާގެ ފުރަގަހުގައި އެހެން ކަންތައްތަކެއްވެސް އޮތީ ހިނގައިފައެވެ. ކުއްލި އަވަސް ހަމަލާތަކެއް ދީގެން އީރާނު ބަލިކުރެވިދާނެކަން އެމެރިކާއަށް ކަށަވަރުކަމަށް ވަންޏާ ހަމަލަދޭނެއެވެ. އެކަން މިހާރު އޮންނާނީ ނިމިފައެވެ. އެމެރިކާ އެންމެ ބިރުގަންނަނީ ދިގުދެމިގެންދާ ހަނގުރާމައެއްގެ ތެރޭގައި ތާށިވެދާނެތީއެވެ. އީރާނަކީ އެއް ހަމަލަޔަކުން ދެ ހަމަލަޔަކުން ބަލިކޮށް ހަފުސްކޮށްލެވޭނެ ގައުމެއް ނޫނެވެ. އެކަން އެމެރިކާ ވަނީ ހުސްވި އަހަރުގެ ޖޫންމަހު ތަޖުރިބާވެސް ކޮށްފައެވެ. އީރާނަށް ހަމަލަދީފިނަމަ އެމެރިކާއާއި އެމެރިކާގެ ބައިވެރިން އަދާކުރަންޖެހޭނެ އަގު ވަރަށްވެސް މަތިވާނެއެވެ. އެއީ ނުހަނު ބޮޑު ރިސްކެކެވެ. އެ ރިސްކު ނަގަން ޓްރަމްޕު ބޭނުންފުޅެއް ނުވެއެވެ. އެހެންވީމާ މިޒާތުގެ އައު ބަހަނާތަކެއް ދައްކައި މިކަމުން ރެކިގަނެ "ފޭސް ސޭވް" ކުރުމުގެ އިތުރު ކަންތައްތަކެއްވެސް ފެނުމަކީ ވަރަށް ކައިރިކަމެކެވެ.
އެމެރިކާއަކީ އެމެރިކާއެވެ. ޓްރަމްޕަކީ ޓްރަމްޕެވެ. އެހެންވީމާ އުކުޅުތައް މަދެއްވެސް ނުވާނެއެވެ. މީގެ ހައެއްކަމަސް ކުރިއަށް ޖެހިލަމާބަހީއެވެ. އިޒްރޭލުން ވަނީ ހުސްވިއަހަރުގެ ޖޫން ތޭރައިން ސައުވީހަށް ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމައެއް ކޮށްފައެވެ. ބޮޑުވަޒީރު ނަތަންޔާހޫ ތަކުރާރުކޮށް އެދި އާދޭސްކޮށްގެން އެމެރިކާވެސް އެހަނގުރާމައިގެ ތެރެއަށްވަދެ އީރާނަށް ބޮންއެޅިއެވެ. އެޅީ ކޮންކަހަލަ ބޮމެއްތޯއެވެ. ބިންގަރާސް ތޮރުފާ ބޮމެކޯލައެވެ. އިހަށްވެސް އަދި އޭގެފަހަށްވެސް ބަޔަކު ނުއުފައްދާވަރުގެ ބިޔަ، ބަރު، ވަރުގަދަ ބޮމެކޯލައެވެ. މި ބޮންއެޅިތަނާ އީރާނުންވެސް ގަތަރުގައިވާ އެމެރިކާގެ ބިޔަ އަސްކަރީ މަރުކަޒަކަށް ހަމަލަދީފިއެވެ. ލަސްތަކެއްނުވެ ދެން އިވުނީ ރައީސް ޓްރަމްޕު އިސްވެ ހުންނަވައިގެން ހަނގުރާމަ ހުއްޓުވި މަންޒަރެވެ. ނަތަންޔާހޫގެ ނުރުހުމުގައެވެ. މިކަން މިމަގުން ކުރެއްވުމަށްފަހު ޓްރަމްޕު ވިދާޅުވިއެވެ. އީރާނުގެ ނިއުކުލިއަރ ގާބިލުކަން މުޅިން ނައްތާލައިފީމެވެ.
އަދިވެސް ވިދާޅުވިއެވެ. ކުރިއަށްއޮތް ވިއްސަކަށް އަހަރުންވެސް އީރާނަކަށް ދެން ނިއުކުލިއަރ ޕްރޮގްރާމެއް ނުފެށޭނެއެވެ. އުފާކުރާށެވެ. މަގުސަދު ފުރިހަމަވެއްޖެއެވެ. ކޮންމެއަކަސް މިމޭރުމުން ޓްރަމްޕު ފޮނިކެނޑުއްވިތާ އަދިމިވީ ހަމަހެވެ. އަނެއްކާވެސް މިއޮތީ ހަމަލަދޭހިސާބަށް ކަންކަން ގޮސްފައެވެ. އެހެންވީމާ އީރާނާއެކު ފަރުދާގެ ފުރަގަހުގައި ކޮންމެވެސް މުއާމަލާތެއް ހިންގައިފައި މީހުން ނޫޅޭ ފަޅުތަނަކަށް ބޮމެއް ވައްޓާލައި އީރާނުގެ މިސައިލް ޕްރޮގްރާމާއި ނިއުކުލިއަރ ޕްރޮގްރާމް މުޅިން ސުންނާފަތިކޮށްލައިފީމޭ ވިދާޅުވެ އަވަސްގޮތަކުން ބަޗައިގަތުމަކީވެސް ހަމަވެދާނެ ކަމެކެވެ. ދެން އީރާނުންވެސް ގަތަރުގައި ހުންނަ ބޭހަކަށް ނުވަތަ އިރާގުގައި ހުންނަ ބޭހަކަށް ވޯހެޑަކާ ނުލައި މިސައިލެއް ފޮނުވައިފައި ބުނިބަސް ތެދުވީކަމަށް ނިންމައި ހިމޭންވެގަންނާނެއެވެ. މިޒާތުގެ ކަންކަމަކީ ހިނގާފައި ހުންނަ ކަންކަމެވެ. ހިނގަމުންދާ ކަންކަމެވެ. އެހެންވީމާ މިވެނިކަމެއް އެވެނިގޮތަކަށް ނުހިނގާނެޔޭ ބުނާކަށް ނުކެރޭނެއެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް