ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މައުލޫމާތު ރައީސް އާ ހިއްސާ ކޮށްފައެވެ. އަދި، އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސް އާއެކު ޑްރައިވަރުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޑްރައިވަރުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާ ކައިރި ސަރަހައްދަކުން ޕާކިން ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތަކާއި ވެހިކަލްތަކަށް ސްޕެއާ ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ހިމެނޭ ކަމަށެވެ.
އަދި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އާ އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް އެދި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ޑްރައިވަރުން ވަނީ އެމީހުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދިފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް