އެޕާޓްމަންޓް ކުއްޔަށް ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފަސް މީހެއްގެ އަތުން ދެ މިލިޔަނެއްހާ ރުފިޔާ ނިގުޅައިގަތް މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަތަކުގައި މަކަރާއި ހީލަތުން ފައިސާތަކެއް ނިގުޅައިގަތް ކަމުގެ ކުށުގައި ހުކުމް އިއްވާފައި ވަނީ މ. ގްރީންޕީކް އަލީ ނަސީމްގެ މައްޗަށެވެ.
މީގެ ތެރެއިން އެއް މައްސަަލައަކީ، ހ. ކްރިސްޓަލް ލޭންޑް ގޭގެ ފަސްވަނަ ފަންގިފިލާ އާއި މ. ފަހި ރޯޅިގޭގެ އެއްވަަނަ ފަންގިފިލާ އާއި މއ. ގުމްރީގޭގެ ތިންވަނަ ފަންގިފިލާ، ގ. ގްރީންބީންސް އަހްމަދު އާތިފަށް ކުއްޔަށް ދިނުމަށާއި، މ. އިރަމާގެ ދެވަނަ ފަންގިފިލާ އާއި ހ. ކްރިސްޓަލްލޭންޑް ގޭގެ ހަ ވަނަ ފަންގިފިލާ، ނ. މިލަދޫ މޫނިމާގެ އަބްދުއްލަގަނީ އާދަމްއަށް ކުއްޔަށް ދިނުމަށް އެއްބަސްވެ، އެ ދެ މީހުން އަތުން ފައިސާ ނެގުމަށްފަހު، އެއްބަސްވުމަށް އަމަލު ނުކޮށްގެން އެ ފައިސާ ހޯދުމަށް ހުށަހެޅި މައްސަލައެވެ.
މި މައްސަލައިގައި އާތިފް އާއި ގަނީގެ އަތުން ނެގި ފައިސާ ދެއްކުމުގެ ގޮތުން އަލީ ނަސީމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން، 814000 ރުފިޔާ ނެގޭ ގޮތަށާއި 240000 ރުފިޔާ ނެގޭގޮތަށް ދެ ޗެކް ދޫކުރިއެވެ. ނަމަވެސް އެ އެކައުންޓަކީ، ޗެކްފޮތް ގެއްލިފައިވާ ކަމަށް ބުނެ އަލީ ނަސީމްގެ އެދުމުގެ ޗެކް ފޮތުގެ ހުރިހާ ޗެކެއް، "ސްޓޮޕް" ކޮށްފައިވާ އެކައުންޓެއްކަމަށް ބޭންކުން އެންގިއެވެ.
މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް އަލީ ނަސީމް ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ނުވަމަހާއި 18 ދުވަހަށް ޖަަލަށްލުމަށް ހުކުމްކޮށް، އެ ޖަލު އަދަބު އަށް މަސްދުވަހުގެ މުއްދަތުގެ ގޭބަންދު ކުރުމުގެ އަދަބުގެ އިތުރުން 33600 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަލީ ނަސީމްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ގެއްލުން ލިބުނު އަހްމަދު އާތިފް އާއި އަބްދުލްގަނީ އާދަމްގެ އަތުން މަކަރާއި ހީލަތުން މިލިޔަނަށްވުރެ ގިނަ ރުފިޔާ އަލީ ނަސީމް ނިގުޅައިގެންފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މި ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި 1027000 ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި އެ ދެ މީހުނަށް ދެއްކުމަށް ވެސް ކޯޓުން ވަނީ އަންގައިފައެވެ.
ދެވަނަ މައްސަލައަކީ އަލީ ނަސީމް ކުއްޔަށް ހިފައިގެން އުޅޭ ގ. ސުނިތާގޭގެ ހަތަރުވަން ފަންގިފިލާގައިހުރި ދެ ކޮޓަރީގެ އެޕާޓްމަންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް ގދ. ތިނަދޫ އަނޯނާގެ ހަސަން ޒިޔާއުއަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަށްފަހު، އެކަން ލ. ފޮނަދޫ ޖަވާހިރުމާގެ އަލީ މުއާޒަށް ސިއްރުކޮށް، އެ އެޕާޓްމަންޓް ތިން އަހަރު ދުވަހަށް އަލީ މުއާޒަށް ކުއްޔަށް ދިނުމަށް އެއްބަސްވެ އެޑްވާންސް ކުލީގެ ގޮތުގައި މަކަރާއި ހީލަތުން ދެ ލައްކަ ރުފިޔާ ނިގުޅައިގެންފައިވާ މައްސަލައެކެވެ.
މި ދައުވާގައި ވެސް އަލީ ނަސީމް ވަނީ ޕީޖީއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފައެވެ. އެހެންކަމުން މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެއްބަސްވުމުގައިވާ ގޮތުގެމަތިން ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، އެ އަދަބު ހަތަރު މަސް ދުވަހުގެ ގޭ ބަންދަށް ބަދަލު ކުރުމުގެ އިތުރުން، 5200 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އަންގައިފައެވެ.
މި މައްސަލައިގައި ގެއްލުން ލިބުނު މުއާޒުގެ އަތުން މަކަރާއި ހީލަތުން ދެ ލައްކަ ރުފިޔާ ނިގުޅައިގެންފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ ތެރޭގައި 183500 ރުފިޔާ މުއާޒަށް ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
ހަމަ އެގޮތަށް ދެ އަހަރު ދުވަހުގެ މުއްދަތަށް އިންޑިއާ މީހެއް ކަމަށްވާ ޑރ. ހެމަންތް ސުރޭޝް އަށް އެ އެޕާޓްމަންޓް ކުއްޔަށް ދިނުމަށް އެއްބަސްވުމަށްފަހު، ހ. އައިޑަމްވޫޑް އިބްރާހިމް ނަސީމަށް އެކަން ސިއްރުކޮށް ދެ އަހަރު ދުވަހުގެ މުއްދަތަށް އޭނާއަށް ކުއްޔަށްދޭން އެއްބަސްވެ އެޑްވާންސް ކުލީގެ ގޮތުގައި މަކަރާއި ހީލަތުން 60،000 ރުރިޔާ ނިގުޅައިގަތް މައްސަލައެއް ވެސް ހިމެނެއެވެ.
އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން މި މައްސަލައިގައި ވެސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކޮށް ޖަލު އަދަބު ހަތަރު މަސްދުވަހުގެ ގޭބަންދު ކުރުމުގެ އަދަބަށް ބަދަލު ކުުރުމުގެ އިތުރުން 5200 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް މި ފައިސާ ތިންމަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަ ވަނީ އަންގައިފައެވެ.
މި މައްސަލައިގައި ގެއްލުން ލިބުނު އިބްރާހިމް ނަސީމްގެ އަތުން މަކަރާއި ހީލަތުން 60،000 ރުފިޔާ ނިގުޅައިގެންފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، މިހާތަނަށް ނުދައްކާ އޮތް 35،000 ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި އިބްރާހިމް ނަސީމަށް ދައްކަން ވެސް ވަނީ އަންގައިފައެވެ.
ދެން ހިމެނެނީ މ. ނަރުގިސްމާގޭގެ ތިންވަނަ ފަންގިފިލާގެ ދެ ކޮޓަރީގެ އެޕާޓްމަންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށްފަހު އެ އެޕާޓްމަންޓް ށ. ފީވަށް ލިބޯމާގެ އަބްދުއްރަޝީދަށް ތިން އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީ އޭނާގެ އަތުން އަހަރު ދުވަހުގެ ކުލީގެ ގޮތުގައި އެޑްވާންސްކޮށް ތިންލައްކަ ރުފިޔާ ނަގާފައިވާ މައްސަލައެކެވެ.
އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދެ މަހާއި 12 ދުވަހުގެ މައްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، ދެ މަހުގެ ގޭބަންދަށް އަދަބު ބަދަލުކުރުމުގެ އިތުރުން 8400 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް ތިން މަސް ދުވަހުގެ ތެރޭގައި އެފައިދާ މީރާއަށް ދައްކަން އަންގައި، އަބްދުއްރަޝީދުގެ އަތުން މަކަރާއި ހީލަތުން ތިންލައްކަ ރުފިޔާ ނަގާފައިވާތީ މިހާތަނަށް ނުދައްކާވާ 286500 ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު