ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ބޭސް ފިހާރަތަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ ދަަށަށް ބަދަލުކުރަން ނިންމައިފިއެވެ.
އެސްޓީއޯގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެސްޓީއޯގެ ދަށުން ހިންގާ 196 ފާމަސީއެއް، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމުގެ މަސައްކަތް މިއަންނަ ހަފުތާގައި ފަށާނެ ކަމަށެވެ.
އެ މަސައްކަތް މިއަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެސްޓީއޯގެ ހުރިހާ ފާމަސީއެއްގެ އިތުރުން، އެސްޓީއޯ ފާމަސީތަކުގައި މަސައްކަތްކުރާ 600 ވަރަކަށް މުވައްޒަފުންވެސް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެސްޓީއޯއިން، ރާއްޖޭގައި ފާމަސީގެ ހިދުމަތް ދޭން ފެށީ 1984 ވަނަ އަހަރުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަ ހިންގާތާ މިހާރުވަނީ 10 ވަރަކަށް އަހަރުވެފައެވެ.
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވަވަނަ ދުވަހުގައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމްވަނީ އައްޔަންކުރައްވައިފިއެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހު މާހިރެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ