ޕާކިސްތާނުގައި އޮތް ކައިވެނި ހަފުލާއެއްގައި އެއްޗެއް ގޮވައި އަށް މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި އިއްޔެ އޮތް އެ ކައިވެނީގެ ހަފުލާގައި ގޮވާފައިވަނީ ގޭސް ސިލިންޑަރެއް ކަމަށާއި އެހާދިސާގައި ހަތް މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މަރުވި އަށް މީހުންގެ ތެރޭގައި އެހަފުލާގައި ކައިވެނި ކުރި ދެމަފިރިންވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ފުލުހުން ވަނީ އެ ހަފުލާއަށްފަހު އުފާފާޅުކުރުން ކުރިޔަށްދަނިކޮށް އެހާދިސާ ހިނގި އިރު ގިނަ އަދަދެއްގެ ބަޔަކު އެތަނުގައި ތިބި ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ސަރުކާރު އޮފިޝަލުން ވަނީ އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގެއް ފަށައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެތަނުގައި ގޭސް ސިލިންޑަރު ގޮވުމުގެ ސަބަބުން ކައިރި ސަރަހައްދުތަކުގައި ހުރި ގެތަކަށްވެސް އެކި ވަރުގެ ގެެއްލުން ލިބިފައިވެއެވެ.