މާލޭގެ މޭޔަރުކަމުގެ މަގާމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވި އިރު މާލޭގެ އެއްވެސް ބިމެއް ވިއްކާފައި ނުވާނެ ކަމަށާއި ގަވައިދާ ހިލާފަށް ބިމެއް ކުއްޔަށް ވެސް އެއްވެސް ފަރާތަކަށް ދީފައި ނުވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދަޅުވެއްޖެއެވެ.
އަރީޝް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މާލޭގެ މޭޔަރު ކަމުގެ ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމު ދެއްކި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ.
ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އަލީ އާޒިމް ވިދާޅުވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން ނުއަގުގައި ބިންތައް ދިނުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން، ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެއަށް ރައްދު ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސިފަ ކުރައްވައިފައެވެ.
އެގޮތުން މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދެ އަހަރާއި ހަ މަހެއްހާ ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކަވާފައި ނުވާ ކަމަށާއި، ނުގަވާއިދުން ކުއްޔަށް ދެއްވި އެއްވެސް ބިމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އަރީޝް ތުހުމަތު ކުރެއްވީ ބިންތައް ދޫކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާ ވާހަކަ އަކީ ހަގީގަތްތައް ހަޖަމު ނުކުރެވިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އެއީ ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައް ކޮށް، މީހުންނަށް ބިރުދައްކާ ގޭންގެއްގެ ގޮތުގައި މާލެ ސިޓީ ހިންގުން ކަމަށް ސިފަވާ ގޮތަށް ދައްކާ ވާހަކަތަކެއް، ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުން ކޮށް ޖަދަލު ކުރާން ގާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން. އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހި ތަރައްގީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް،" އޭނާ ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަމަށް އާޒިމް ކުރާ ކެމްޕެއިނަކީ މާލެއަކީ، ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާއިދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއް ގޮތަށް ހަދާނެކަމަށް ބުނެ ކުރާ ކެންޕެއިނެއް ކަމަށް ވެސް އަރީޝް ވިދާޅުވި އެވެ. އެގޮތަށް ކުރާ ކެމްޕެއިނަކުން ރައްޔިތުންގެ ވޯޓު އިތުރު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލޭގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ މާލޭގެ މުނިސިޕަލް ހިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ޒަކީ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް