ސްރީ ލަންކާގަައި ދިރިއުޅޭ ދިވެހިންނާމެދު އެގައުމުގެ ސަރުކާރުން ރަނގަޅަށް ކަންތައް ކުރަމުންނުދާކަމަށް ރާއްޖެއިން، ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެ، ނުރުހުން ފާޅުކުރައްވާފައި ވަނިކޮށް ލަންކާގެ އިދިކޮޅުގައި ހަރަކާތްތެރިވާ ނަމަލް ރާޖަޕަކްސާ، މަސްއޫދުއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
ނަމާލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްއެލްޕީޕީގެ އޮފީހުގައި މަސްއޫދުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ނަމާލް ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖެއާއި ލަންކާގެ ގުޅުމާއި ބެހޭގޮތުންނާއި ދެގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.
ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި މަސްއޫދު ވިދާޅުވެފައިވަނީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދިވެހިން ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށް ކަމަށެވެ. ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ނަމަވެސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާއަށް ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ