ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކުލިނިކެއް ހަދަން ނިންމާފައިވާކަން އައިޖީއެމުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗުން އިއްޔެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވާ ކުރީގެ ތެލެސީމިއާ ސެންޓަރުގެ ޑިމޮލިޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން ބޭނުންވާ ކަމަށެވެ.

އެހެންވެ އެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި ބީލަން ހުށަހަޅުން ހުޅުވާލާފައިވަނީ މިމަހުގެ 15 ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ވިދާޅުވެފައިވަނީ ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ހެންވޭރު ޖީޕީ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރާނެކަމަށްވެސް ހަލީމް ވިދާޅުވެފައިވެއެވެ.

އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން، ކިޔޫގައި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުންވަނީ ހަ ޖީޕީ ކުލިނިކެއް ހުޅުވުމަށް ނިންމައިފައެވެ. އޭގެ ތެރެއިން އެއް ކްލިނިކު މިހާރުވަނީ މާފަންނުގައި ހުޅުވައިފައެވެ.