ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު ހެދުން އަޅަންޖެހޭ މިންގަނޑެއް ގަވާއިދުގައި ބަޔާންކޮށް ކަނޑައަޅާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސަތުތައް އެކަށައެޅުމުގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ސިޔާސަތުތައް ކަނޑައަޅަން ކަމަށެވެ.

ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށުގެ ފަރާތުން ލިބެމުންދާ ޝަކުވާތަކުގެ ތެރޭގައި ޓޫރިސްޓުން ދީނީ ގޮތުންނާއި، އަހުލާގީ ގޮތުން ހިންގަން ނުޖެހޭ ކަންކަން ހިންގާ ކަމުގެ ޝަކުވާތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ މިކަންކަން ރަނގަޅު ކުރުމަށް، ގަވާއިދުތައް އަޅުގަނޑުމެން މި އިސްލާހު ކުރަނީ. ކަމާއި ގުޅޭ ގަވާއިދު ރަށު ތެރޭގަ ޓޫރިސްޓުން އުޅޭއިރުގަ ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި މިކަންކަން. މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހުތައް ގެނައީ،" މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރަށްރަަށަށް ބަނގުރާ އެރުވުން ހުއްޓުވުމުގެ ގޮތުން ސަފާރީތައް ރަށްރަށާއި، އެއް ކިލޯމީޓަރު ދުރުގައި އަޅާގޮތަށްވެސް ގަވާއިދު އިސްލާހުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަފާރީތަކުގައި ޓޫރިސްޓުންނަށް ރާ ވިއްކުމަށް ހުއްދަ އޮންނަ ކަމަށެވެ. ލޯކަލް ޓޫރިޒަމް ހިންގާ ރަށްތައް ކައިރީގައި ސަފަރީ ބާއްވައިގެން ނުގަވާއިދުން، އެތަކެއް ނޭދެވޭ ކަންކަން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާ ވިއްކުންވެސް ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ގަވާއިދު މި ބަދަލުކުރަނީ މީހުން ދިރިއުޅޭ ރަށްރަށަށްވުރެ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެވެސް އެންމެ މަދުވެގެންވެސް އެއް ކިލޯމީޓަރު ދުރުގައޭ ސަފާރީ ބޭއްވޭނީ. އެގޮތަށް ގަވާއިދަށް ބަދަލު މި ގެންނަނީ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ގަވާއިދުތަކަށް ގެންނަ އިސްލާހުތައް ތަންފީޒުކޮށް، މޮނިޓާ ކުރާނީ ލޯކަލް ކައުންސިލް އިދާރާތަކުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ކަންކަން ތަންފީޒުކުރާނެ ހާއްސަ އޮފީހެއް ރަށްރަށުގައި ގާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ އޮފީސް ހިންގައި، ލޯކަލް ޓޫރިޒަމްގެ ކަންކަން ތަންފީޒު ކުރާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުން ކަމަށެވެ.