ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ލޯކަލް ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ސަރުކާރުގެ ފަށަލައެއް ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަންކަމަށް ބުނެ ކެމްޕޭނު ކުރާ ނަމަ، އެއީ ގޯހެއް ކަމަށެވެ.
"ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ގާނޫނީގޮތުން. ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލަށް މީހުން ހޮވަން ކެމްޕޭންކުރާކަމަށްވާ ނަމަ، އެއީ ފުރަތަމަވެސް ނުބައި ސިގްނަލެއް. ރައްޔިތުން ވިސްނަންޖެހޭ ސިގްނަލެއް އެއީ. ގާނޫނުގައި އޮވޭ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ސަރުކާރު ޖަވާބުދާރީކުރާނީ ކޮންބައެއްކަން. ކައުންސިލަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި، ރައްޔިތުންގެ ފައިދާއަށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާނެ ބަޔަކު އިންތިހާބު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މީގެ ތިން މަހެއްހާ ދުވަސްކުރަން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ މަސައްކަތް ބައެއް ރަށްރަށުގައި ފެށިފައިނުވަނީސް ކައުންސިލުން، އެ މަޝްރޫއުތަކަށް ބޭނުންވާ ބިން ހަވާލުނުކުރުމުގެ ސަބަބުން ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އިދިކީލަ ގޮތެއްގައި، ސިޔާސީ ގޮތެއްގައި އުނދަގޫތައް ކުރިމަތިކޮށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަންކަން ކުރާ ކައުންސިލްތައް އުފެދިގެން އައިސްފި ނަމަ، އެއީ އަޅުގަނޑުމެން ދާން ބޭނުންވާ މިސްރާބަށް ދިއުމަށް ހަމައެކަނި ހުރަސް އެޅެނީކީ ނޫން. އެތައް ތަނެއް މަޑު ޖެހި ފަހަތަށް ދަނީ." ރައީސް ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑު ބަލާލިއިރުގެ އިނގޭތޯ، މިއަދުވެސް އަޅުގަނޑު ބަލަން، އެކިއެކި މަޝްރޫއުތައް ހިނގާގޮތް. އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުން ކުރިއަށް ގެންދިއުމުގައި ދިމާވެފައި ހުރި ދަތިތައް ބަލާލިއިރުގަ، މިއަދުވެސް އަޅުގަނޑަށް އަތަށް ލިބުނު ލިސްޓެއްގައި، އެތައް ރަށެއްގަ، މީގެ މަހެއް ދެމަހެއް ނޫނީ ތިންމަހެއް ކުރިން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ފަށައިނުގަނަވެގެން އުޅެނީ ކީއްވެގެންތޯ ބަލާލިއިރުގަ، ބިން ހަވާލުނުކޮށްގެން. ކައުންސިލުންނޭ ބިން ހަވާލުކުރަނީ. ކޮންކަމަކައްތޯ، މިސްކިތް އަޅަން، ސްކޫލުގެ އެކްސްޓެކްޝަން ހަދަން ނޫނީ ހެލްތު ސެންޓަރުގެ ކޮންމެވެސް ކަމެއް ކުރަން"
ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ގެއްލުންވަނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ އެއްބާރުލު ނުދިނުން ފަަދަ ކަންކަން ތަކުރާރުވާކަަށް ސަރުކާރުން ބޭނުންނުވާ ކަމަށެވެ.
އެ މަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލް އިންތިހާބަށްފަހު ވަރަށް ބާރަށް، މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ. އެކަކަން ކުރެވޭނީ ރައްޔިތުންނަށް ކޮންމެ ދުވަހަކު ހިދުމަތް ކުރުމަށް ރައްޔިތުން އިންތިހާބުކުރާ މީހުންގެ ފަރާތުން އެއްބާރުލުން ލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު