ރަށްރަަށަށް ބަނގުރާ އެރުވުން ހުއްޓުވުމުގެ ގޮތުން ސަފާރީތައް ރަށްރަށާއި، އެއް ކިލޯމީޓަރު ދުރުގައި އަޅާގޮތަށް ގަވާއިދު އިސްލާހުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަފާރީތަކުގައި ޓޫރިސްޓުންނަށް ރާ ވިއްކުމަށް ހުއްދަ އޮންނަ ކަމަށެވެ. ލޯކަލް ޓޫރިޒަމް ހިންގާ ރަށްތައް ކައިރީގައި ސަފަރީ ބާއްވައިގެން ނުގަވާއިދުން، އެތަކެއް ނޭދެވޭ ކަންކަން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާ ވިއްކުންވެސް ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ގަވާއިދު މި ބަދަލުކުރަނީ މީހުން ދިރިއުޅޭ ރަށްރަށަށްވުރެ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެވެސް އެންމެ މަދުވެގެންވެސް އެއް ކިލޯމީޓަރު ދުރުގައޭ ސަފާރީ ބޭއްވޭނީ. އެގޮތަށް ގަވާއިދަށް ބަދަލު މި ގެންނަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަވާއިދަށް އެ ގެންނަ ބަދަލު ތަންފީޒުކޮށް، މޮނިޓާކޮށް ބަލަހައްޓާނީ ކައުންސިލުން ކަމަށެވެ.
ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށުގެ ފަރާތުން ލިބެމުންދާ ޝަކުވާތަކުގެ ތެރޭގައި ޓޫރިސްޓުން ދީނީ ގޮތުންނާއި، އަހުލާގީ ގޮތުން ހިންގަން ނުޖެހޭ ކަންކަން ހިންގާ ކަމުގެ ޝަކުވާތައް ހިމެނޭ ކަމަށެވެ.
"އެހެންވީމަ މިކަންކަން ރަނގަޅު ކުރުމަށް، ގަވާއިދުތައް އަޅުގަނޑުމެން މި އިސްލާހު ކުރަނީ. ކަމާއި ގުޅޭ ގަވާއިދު ރަށު ތެރޭގަ ޓޫރިސްޓުން އުޅޭއިރުގަ ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި މިކަންކަން. މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހުތައް ގެނައީ،" މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ކަންކަން ތަންފީޒުކުރާނެ ހާއްސަ އޮފީހެއް ރަށްރަށުގައި ގާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ އޮފީސް ހިންގައި، ލޯކަލް ޓޫރިޒަމްގެ ކަންކަން ތަންފީޒު ކުރާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުން ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު