ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހާއްސަ ޕްރޮގްރާމެއް އިއުލާންކޮށްފިއެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ޒަރިއްޔާއިން ބާރުވެރިކުރުވައި، މުޖުތަމައުގެ އެކި ހަރަކާތްތަކުގައި އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައި ހަ މަސް ދުވަހުގެ މުއްދަތަކަަށް ކަމަށާއި އަދި މި ހަރަކާތުގައި 60 އެތުލީޓުންނަށް "ސްޕެޝަލް އޮލިމްޕިކްސް ފިޓް5" ކަރިކިއުލަމްގެ ދަށުން ކޮންމެ ހަފުތާއަކު ވެސް ތަމްރީނުތައް ކުރިއަށްގެންދެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި، ސިއްހަތައް ރަނގަޅު ކާނާގެ މުހިންމުކަމާއި، ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން އާއިލީ ދުޅަހެޔޮކަމަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެ ރަށުގެ ކޯޗުންނާއި ވޮލަންޓިއަރުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
''ކުޅިވަރުގެ ތެރޭގައި އެންމެން ޝާމިލުކުރުވުމަށާއި، ހަމަހަމަކަން ގާއިމުކުރުމަށް 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް' އަކީ މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް. މިފެސްޓިވަލްތަކުން ބިންގާއެޅިގެންދިޔަ އެތަށް އެތުލީޓުންނެއް މިއަދު ދަނީ ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖެ ތަމްސީލުކޮށް ރަން ވަނަތައް ހާސިލް ކުރަމުން. ދިރާގުގެ އެހީތެރިކަމާއެކު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ގދ. ތިނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިމިވާ ޕްރޮގްރާމްގެ ސަބަބުން، ޝާމިލުކުރަނިވި މުޖުތަމައުއެއް ބިނާކޮށް، މި ކަމަށް މުޖްތަމައު އިތުރަށް އަހުލުވެރިވެގެންދާނެ، އަދި މި މަސައްކަތަށް އިތުރު ހިތްވަރެއްލިބި ގިނަ ބަޔަކަށް ފައިދާތަކެއް ކުރާނެ'' ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާ ޕާސަން، އިބްރާހިމް ރަމީޒު ވިދާޅުވިއެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވި ކުޅިވަރުގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، މި ޕްރޮގްރާމަކީ، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފުރުސަތުތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާ ގުޅިގެން، މުޖުތަމައުގައި އެންމެންގެ ބައިވެރިވުން ހިމެނޭހެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް ފުރިހަމަ އެއްބާރުލުން ދިނުން." މިރްޝާން ވިދާޅުވި އެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ، ކުޅިވަރުގެ ޒަރީއާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް ދިރާގާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ޕްރޮގްރާމް ފާއިތުވެ ދިޔަ އަށް އަހަރު ވަނީ މާލޭގައި ބާއްވައިފައެވެ. ދިރާގުން ދަނީ މުޖުތަމައުއަށް މަންފާކުރަނިވި މި ފަދަ ހަރަކާތްތަކަށް ހާއްސަ އިސްކަމެއް ދީގެން މި ފަދަ ހަރަކާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު