ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި، އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވެއްޖެއެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ތާރީހީ ކާމިޔާބީއެއް ކަމަށާއި، އަދި މިއީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއް ކަމަށެވެ.

ހަލީމް ވިދާޅުވީ، އެ މަސައްކަތުގައި ޝާމިލްވި ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ ޓީމަށާއި، އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް މަރުހަބާ ދަންނަވައި، ޝުކުރު އަދާކުރާ ކަމަށާއި، އެ މީހުންގެ މަސައްކަތާއިމެދު ފަހުރުވެރިވާކަމަށް ހަލީމް ވިދާޅުވިއެވެ.

އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަމަށް ހަލީމް ވިދާޅުވިއެވެ.

އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، 15 ނޮވެންބަރ 2024 ގައި ރަސްމީކޮށް އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށް ހަލީމް ވިދާޅުވިއެވެ.

އައިވީއެފްގެ ހިދުމަތް މުޅިން ހިލޭ ލިބޭނެގޮތް ހަމަޖައްސަވައިދެއްވައި، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމައެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ހިދުމަތެއްކަމަށް ހަލީމް ވިދާޅުވިއެވެ.