އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރުމަށްޓަކައި މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދައި، އެ ސިސްޓަމް އިންސްޓޯލްކޮށް، ހިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
މިއީ މިފަދަ ސިސްޓަމަކުން ރާއްޖެއަށް ހޯދާ ފުރަތަމަ ފަހަރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓުގައި ޝާއިއު ކުރި އިއުލާނުގައި ބުނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. މި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.
ފައިސާ ދައްކަން ޖެހޭނީ ސަރުކާރުގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ. ފައިސާ ދެއްކުމަށްފަހު، ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ މައުލޫމާތާއި ފައިސާ ދެއްކި ރަސީދު ފިނޭންސް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
މި މަސައްކަތާ ގުޅޭ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
މި ބީލަމުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 258,000 ރުފިޔާ ހުށަހަޅަން ޖެހޭ އިރު، މި ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުށަހަޅާ ދުވަހުން ފެށިގެން 148 ދުވަހެވެ.
ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ.
ބީލަމާ ގުޅޭ ގޮތުން އިތުރު ސުވާލެއް ވާނަމަ، އެ ސުވާލުތައް ހުށަހެޅުމުގެ ފުރުސަތު އެ ދުވަހުގެ މެންދުރު 1:30 ގެ ނިޔަލަށް އޮންނާނެ ކަމަށާއި ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 1:00 ކަމަށް އިއުލާނުގައިވެއެވެ.
އިއުލާނުގައިވާ ގޮތުންބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ހުރިހާ ބީލަމެއްވެސް ހުށަހަޅަންޖެހޭނީ ހަމައެކަނި ބީލަން ޕޯޓަލް މެދުވެރިކޮށެވެ.
އަލީ ޔާމިން
އައިޖީއެމްއެޗް
ކޮމެންޓް