ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންކުރަން ފަށައިފިއެވެ.
އައިޖީއެމްއެޗުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ދެމެދުގެ ތަފާސްހިސާބަށް ބަލާއިރު، އޮޕަރޭޝަން ޑޮކްޓަރުންގެ އޯޕީޑީތަކަށް ގިނައިން ދެއްކީ ލޭޒާ ބޭނުން ކޮށްގެން އޮޕަރޭޝަން ކުރަން ޖެހޭ ފަދަ ބަލިތަކަށް ބޭސްކުރަން ޖެހުނު މީހުން ކަމަށެވެ.
ނަމަވެސް، އެ ބަލިތަކާ ގުޅިގެން އޭރު ކުރި އޮޕަރޭޝަންތަކުގެ ސަބަބުން ބަލި ފަސޭހަވެ، ރަނގަޅުވާން ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ބާއްވަން ޖެހުމާއި ބަލި ފަސޭހަވެ، ރަނގަޅުވާން ގިނަ ދުވަސް ނެގާ ކަމަށެވެ. ނަމަވެސް، ލޭޒާ ސާޖަރީއާ އެކު އެކަންކަމަށް ވަރަށް ބޮޑު ލުއެއް ލިބޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށާފައިވާ ކަމަށެވެ.
އެގޮތުން ޑިޕާޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަން ތަކުގެ ތެރެއިން ހަތަރު ވައްތަރެއްގެ އޮޕެރޭޝަންތަކަށް ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ކަމަށެވެ. އެއީ
- ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން (ވެރިކޯސްވެއިންސް) ކުރާ އޮޕެރޭޝަން، އެންޑޯވީނަސް ލޭޒާ ޓްރީޓްމެންޓް (އީވީއެލްޓީ)
- ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ކުރާ ލޭޒާ ސާޖަރީ ކަމަށްވާ ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ
- ފުރަގަސްފަރާތުގަ އުފެދޭ ދޮސް އަންނަ މަގު އެނަލް ފިސްޓުލާއަށް ކުރާ އޮޕެރޭޝަން ކަމަށްވާ ފިސްޓުލާ ޓްރަކްޓް ލޭޒާ ކްލޯސާ (ފިލަކް)
- ޕައިލޯނީޑަލް ސައިނަސް އަށްކުރާ ލޭޒަރ އޮޕެރޭޝަން ކަމަށްވާ ސައިނަސް ލޭޒާ ކްލޯޒާ (ސިލަކް) އޮޕެރޭޝަން
އަބްދުއްރައްޒާގު ވިދާޅުވީ މި ހިދުމަތާއެކު ބަލި މީހުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވުމާއި ތަދުވުން ކުޑަވެ، ވަރަށް އަވަހަށް ބަލި ފަސޭހަވުން ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވުމާއި އިންފެކްޝަންވުމުގެ ފުރުސަތު ނިސްބަތުން ކުޑަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗް