ސުކޫކު ދައްކައި ހަލާސްކުރުމުން ރަހުނުކޮށްފައި އޮތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ފިނޭންސް މިނިސްޓްރީ އިމާރާތް މިނިވަންވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިިޔަ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކަށް ސަރުކާރުން އިއްޔެ ވަނީ ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފައެވެ. އެ ފައިސާ ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަނީ ބޭނުންކޮށްފައެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ އާންމު ވޯޓުގެ ކެމްޕޭންތައް ނިންމައިލުމަށް ޕީއެންސީން މިއަދު ހަވީރު ބޭއްވި ހިނގާލުމަށްފަހު، ރައީސް ވިދާޅުވީ ގައުމު ދަރަނީގެ ތުންފަތްމަތީގައި އޮއްވައި، ގުޅިގެން ކުރެވުނު އިހުލާސްތެރި ގައުމީ މަސައްކަތުގެ ނަތީޖާ އިއްޔެ ލިބިފައިވާ ކަމަށާއި ސުކޫކު ދެއްކުމުން ހަރު މުދާތަކެއް ވެސް މިނިވަންވެފައިވާ ކަމަށެވެ.
"ދަރުމަވަންތަ ހޮސްޕިޓަލު ސުކޫކާ ގުޅުވާފައި ހުރީ، ރަހުނުކޮށްފައި. އެތަން އިރާދަކުރެއްވިއްޔާ އެވަނީ މިނިވަންވެފައި. އައިޖީއެމްއެޗް އޮތީ މި ސުކޫކާ ގުޅުވައި ރަހުނުކޮށްފައި، އެތަން އެވަނީ މިނިވަންވެފައި. ފިނޭންސް މިނިސްޓްރީގެ އިމާރާތް ވެސް އޮތީ ރަހުނުކޮށްފައި، އެތަން ވެސް މިނިވަންވެއްޖެ އިއްޔެގައި. ގައުމާ މެދު އެއްވެސް ވިސްނުމެއް ނެތް ބަޔަކު ގައުމަށް ވާނެހާ ގޮތެއް ހަދާލާފައި ދޫކޮށްލާފައި ދިޔައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ގައުމު އޮތީ އިގުތިސާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އިގުތިސާދީ އެ ނުރައްކާތެރި ހާލަތުން ނަގައި ކޮޅަށް ޖެހުމަށްޓަކައި ފެށި މަސައްކަތް ގެންދަނީ ގައުމީ ފިކުރުގައި ކަމަށެވެ. އެންމެ ފައިސާފޮއްޗެއް ވެސް ޗާޕުނުކޮށް އިގުތިސާދުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ހުރިހާ ނިންމުންތަކެއް ނިންމެވީ އެ ވިސްނުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން، އޭގެ ކުރީ ސަރުކާރުން ނަގާފައި އޮތް 250 މިލިއަން ޑޮލަރުގެ ބޮންޑު އަދާކުރުމަށްޓަކައި، އަދި އޭގެ އިތުރަށް ވެސް މާލީގޮތުން އެއްވެސް ފައިދާއެއް ނުވާ ހަރަދުތަކެއް ކުރުމަށްޓަކައި ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު ނެގީ އަދާކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި، އެއްވެސް ވަރަކަށް އެކަމުގެ ފިކުރަކާއި ހިޔާލެއް ނެތި ކަމަށް ރައީސް ވިދާޅުވިއެވެ.
"ނުކުރި ތަނުގައި އަޅުގަނޑުމެންގެ ހަރު މުދާތައް ރަހުނުކޮށްފައި ނެގި ސުކޫކު އަޅުގަނޑުމެންގެ ގައުމު ދަރުވާނުލައި، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނިނުކޮށް، އެއްވެސް ފައިސާފޮއްޗެއް ޗާޕުނުކޮށް، ރެކޯޑު އަދަދެއްގެ ގައުމީ ރިޒާވްއެއް ހާސިލުކުރުމަށްފަހު އިއްޔެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައްކައި ހަލާސްކޮށްފިން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސުކޫކަށް 524.68 މިލިއަން ޑޮލަރު ދައްކާފައިވާނީ ސުކޫކުގެ ޕްރިންސިޕަލް އެމައުންޓާއި ޕްރޮފިޓް ރޭޓު ހިމެނޭހެން ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު