ސްރީ ލަންކާގެ، ލަންކާ ހޮސްޕިޓަލަށް، އާސަންދައިން ދައްކަންޖެހޭ ފައިސާތައް ނުދައްކާ އޮތުމުން، އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

އާސަންދައިގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ 70 މިލިއަން ރުފީސް އާސަންދައިގެ ފަރާތުން، ލަންކާ ހޮސްޕިޓަލަށް ދައްކަންޖެހޭ ކަމަށެވެ. އެ ފައިސާ، އާސަންދައިގެ ފަރާތުން ދައްކާފައިނުވާތީ، އެއްބަސް އާ ނުކުރުމަށް، ލަންކާ ހޮސްޕިޓަލުން ނިންމީކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އާސަންދައިން، ލަންކާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އާކުރި ނަމަވެސް މިފަހަރު އެއްބަސްވުން އާ ކުރުމާމެދު ގޮތެއް ނުނިމުނީ ދެ ފަރާތުން ހުށަހެޅި ކަންކަމާ ގުޅިގެން ގޮތެއް ނިންމިފައިނުވުމުގެ ސަބަބުން ކަމަށެވެ،

ލަންކާގައި، ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން، އާސަންދައިގެ ދަށުން އެ ހޮސްޕިޓަލުން ފަރުވާ ހޯދައެވެ.