ސްކޫލު ޗުއްޓީއާ ދިމާކޮށް ރާއްޖެއިން 7000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ މީޑިޔާތަކަށް ވިދާޅުވީ ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

"7 ހާހަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވޭ. އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މިދަނީ ކުރަމުން. އިންޝާ ﷲ ބަލިމީހާ މި މަހު 10 ގައި މާލެ ގެނެވޭނެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރު ލެއްވުމަށް ޝުކުރު ދަންނަވަން." ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އާންމުކޮށް ގިނަ ބަޔަކު އުމްރާއަށް ދަނީ، ސްކޫލު ބަންދުދުވަސްތަކާ ދިމާކޮށެވެ.