ފުރަތަމަ ފަހަރަށް ސާފުން ބާއްވާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕަށް ދާ ރާއްޖޭގެ ގައުމީ އަންހެން ސްކޮޑު ފައިނަލް ކޮށްފިއެވެ.

ސާފް އަންހެން ފުޓްސަލް މުބާރާތް މިމަހުގެ 13-27 އަށް ތައިލެންޑުގެ ނޮންތަންބުރީގައި ބާއްވަން ނިންމާފައިވާ އިރު، ރާއްޖޭން ފައިނަލް ކޮށްފައި ވަނީ 14 ކުޅުންތެރިންގެ ސްކޮޑެކެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ނިމިދިޔަ ވިމަންސް ފުޓްބޯލް ލީގުގައި ކުޅުނު ކުޅުންތެރިންނެވެ.

އެ މުބާރާތުގައި ނުކުޅެ، ފުޓްސަލް ޓީމަށް އެރި ކުޅުންތެރިޔަކީ އޭރު އަނިޔާގައި ހުރުމަށްފަހު، މިހާރު ރިކަވާވެގެން ތަމްރީނުތަކަށް ނުކުންނަ ރާނިޔާ އިބްރާހިމެވެ.

ކޯޗު އާތިފް މުހައްމަދު (އާތީ) އާއެކު ރާއްޖޭގެ އަންހެން ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދާ އިރު، އޭނާ ކުރިން "ވަން ސްޕޯޓްސް" އަށް ބުނީ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ފިރިހެން ގައުމީ ޓީމު ކޯޗު، ފާރޫގް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އޭގެ އިތުރުން އާތީ ބުނީ އެހެން ގައުމުތަކުން އިންޑޯގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަކީ ޗެލެންޖެއް ކަމަށެވެ. އެހެން ނަމަވެސް އެކަން ހައްލުކުރުމަށް ގޮތްތަކެއް ހޯދާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުން ނުވަ ވަނަ ދުވަހު ފުރަން ތައްޔާރުވެފައިވާ އިރު، ޓީމުން މުބާރާތަށް ނުކުންނާނީ ޓާފްގައި ޕްރެކްޓިސް ކޮށްފައެވެ. ޓީމުގެ ފަރިތަކުރުންތަކަށް އިންޑޯއެއް ހަމަޖެހިފައެއް ނުވެއެވެ. އޭގެ އިތުރުން އަންހެން ޓީމުން ކޭމްޕް ކުރުމަށް ބޭރަށްވެސް ގޮސްފައެއް ނުވެއެވެ.

ސާފަށް ދާ ރާއްޖޭގެ ގައުމީ އަންހެން ޓީމު

  • ފާތިމަތު ސައުޝަން (ކީޕަރު)
  • ސާއިގާ ހުސެއިން (ކީޕަރު)
  • ފާތުމަތު އަފްޒާ
  • ފާތިމަތު ސާލިޔާ
  • މަރިޔަމް ރިފާ
  • ފާތިމަތު އިނާޝާ އާދަމް
  • ރާނިޔާ އިބްރާހިމް
  • އައިމިނަތު ފަޒްލާ
  • ފާތިމަތު ސާއިނާ
  • މަރިޔަމް ނޫރާ
  • ފާތިމަތު ފައިހާ އަލީ
  • އައިމިނަތު ޝާމިލާ
  • މަރިޔަމް ޝަފާ ބިންތި އަހުމަދު އަލީ
  • ހައްވާ ހަނީފާ